ޅ. މަޑިވަރުގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓަށް މުވައްޒަފުން ހޯދުމަށް އިއުލާނު ކޮށްފި އެވެ.

މަޑިވަރު އެއާޕޯޓް ހިންގުމާ ހަވާލުވެފައިވާ އައިލެންޑް އޭވިއޭޝަން އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވަޒީފާތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އައިއޭއެސްގެ ވެބްސައިޓުން ކަމާ ގުޅޭ ފޯމް ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

އެ ކުންފުނިން މީހުން ހޯދަނީ ޖުމްލަ 11 މަގާމަކަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

މީހުން ހޯދުމަށް އިއުލާނު ކޮށްފައިވާ މަގާމުތަކުގެ ތެރެއިން ހަތް މަގާމުގެ ޝަރުތުތަކީ އޯލެވަލް ފެންވަރު ހުރުމެވެ. އެއް މަގާމުގެ ޝަރުތަކީ ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމެވެ. ބާކީ ތިން މަގާމުގެ ޝަރުތަކީ ގުރޭޑްގެ އަށެއްގެ ފެންވަރެވެ.

އެއާޕޯޓަށް މީހުން ހޯދާ މަގާމުތައް:

  • ޕަވާ ހައުސް އެންޑް މެއިންޓަނަންސް. ސްޕަވައިޒާ ޓްރެއިނީ.
  • ޕަވާ ހައުސް އެޖެންޓް ޓްރެއިނީ.
  • މެއިންޓަނަންސް ކޯޑިނޭޓަރު.
  • ލައުންޖު އޭޖެންޓް.
  • ލައުންޖު ހޭންޑް.
  • އެއާޕޯޓް ހޭންޑް ޓްރެއިނީ.
  • ކްލިޔާ ޓްރެއިނީ.
  • ޖޫނިއާ އެއާޕޯޓް ފަޔާ ފައިޓަރު.
  • ލީޑިން ފަޔާމަން / ޑްރައިވާ އޮޕަރޭޓަރު.
  • އެއާޕޯޓް ސާވިސަސް އެޖެންޓް ޓްރެއިނީ.
  • އެއާޕޯޓް ސާވިސަސް އެގްޒެކްޓިވް

ކުރީގެ ސަރުކާރުން 2018 ވަނަ އަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހުގައި ކުރެއްދޫ ހޯލްޑިންސްއާ ހަވާލުކޮށްގެން ޅ. އަތޮޅުގައި ތަރައްގީކުރި މަޑިވަރު އެއާޕޯޓު ހިންގުން އައިލެންޑް އޭވިއޭޝަނާއި ހަވާލުކުރީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނިގޮތުގައި މަޑިވަރު އެއާޕޯޓް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތަށް ނިމުމާއެކު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އަންނަ މަހު އެ އެއާޕޯޓަށް ފެށުމަށް ވަނީ ނިންމާފަ އެވެ.