މާލެއާއި، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ގާއިމް ކޮށްފައިވާ ގްރޭޓާމާލެ އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުލެއަށް ކަރަންޓްދޭން ފަށައިފި އެވެ.

ސްޓެލްކޯއިން ބުނީ މާލެއާއި، ހުޅުމާލެ އަދި ހުޅުލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ސްޓެލްކޯއިން ގާއިމްކޮށްފައިވާ އިންޓަކަނެކްޝަން ގްރިޑާއި ހުޅުލޭގެ ގްރިޑް ގުޅާލާފައިވަނީ ހުކުރު ދުވަހުގެ ރޭ ކަމަށެވެ.

މިއާއެކު އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުލެއަށް ކަރަންޓުދޭން ފެށިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހުޅުލޭގެ ގްރިޑާއި ސްޓެލްކޯގެ ކަރަންޓުގެ ގްރިޑް ގުޅާލާފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއެކު ހުޅުލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.

ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑަކީ ހަކަތައިގެ ސިނާއަތުގައި މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މި ޕްރޮޖެކްޓްގެ ދަށުން ވަނީ ރާއްޖޭގައި މިހާތަނަށް ބަހައްޓާފައިވާ އެންމެ ބޮޑެތި ޓްރާންސްފޯމަރުތައް ވެސް ބަހައްޓާފަ އެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރު ބަހައްޓާފައިވާއިރު، ހުޅުލޭގައި އަށް އެމްވީއޭގެ ދެ ޓްރާންސްފޯމަރު ބަހައްޓާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.