ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ނުވަ ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އެ ތަކެއްޗަކީ ބޭންކުގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ހަދިޔާކުރި އާލާތްތަކަކީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީކުރުމާއި އެ ކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެކެވެ. އަދި ބޭންކުން ފޯރުކޮށްދިން އެހީތެރިކަމާއެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 330 އަށް ވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މި އަހަރު ބޭންކުން ސެން ކްލާސްތަކަށް ތަކެތި ހަދިޔާ ކުރީ "އިންޓަނޭޝަނަލް ޑޭ އޮފް އެޑިޔުކޭޝަން" ފާހަގަ ކުރަމުންދާ ދުވަހު އެވެ.

ބީއެމްއެލް އިން ވަނީ އިތުރު ނުވަ ރަށެއްގެ ސެން ކްލާހަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައި. ފޮޓޯ: ބީއެމްއެލް

ތަކެތި ހަދިޔާކުރި ސްކޫލްތަކަކީ:

  1. ށ. ފުނަދޫ ސްކޫލު
  2. މޭނާ ސްކޫލް، ނ. ހޮޅުދޫ
  3. މަދްރަސަތުލް އިފްތިތާޙް، ޅ. ނައިފަރު
  4. ކ. ގުރައިދޫ ސްކޫލް
  5. އއ. އުކުޅަސް ސްކޫލް
  6. އދ. އަތޮޅު ތަޢުލީމީ މަރުކަޒު، އދ. މަހިބަދޫ
  7. އިހައްދޫ ސްކޫލް، ލ. ގަން
  8. ގއ. އަތޮޅު ސްކޫލް، ގއ. ކޮލަމާފުށި
  9. ގދ. މަޑަވެލި ސްކޫލް

މިދިޔަ ދެ އަހަރުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރާއްޖޭގެ 29 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފަ އެވެ.