މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި ވެލާ ޕްރައިވެޓް އައިލެންޑްގެ ކޮންމެ މުވައްޒަފަކަށް 3،660 ޑޮލަރު (56،437ރ.) ބަހަން ނިންމައިފި އެވެ.

ޗެކްރިޕަބްލިކްގެ މަހުޖަނުންތަކެއް ނ. އަތޮޅުގައި ހިންގާ އަގުބޮޑު އެ ރިސޯޓަކީ ރާއްޖޭގައި އެންމެ ބޮޑު މުސާރަ ލިބޭ އަދި ސާވިސް ޗާޖުގެ ގޮތުގައި ވެސް އެންމެ ބޮޑު އަދަދެއް ބަހާ އެއް ރިސޯޓެވެ.

ވެލާގެ އިތުރުން ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ބަހަން ނިންމާފައި ވަނީ އެމެރިކާގެ މަޝްހޫރު ހޮޓެލް ޗެއިން، ހިލްޓަން އިން މާލެ އަތޮޅުގައި ހިންގާ އަގުބޮޑު ރިސޯޓު، ވޮލްޑޯފް އެސްޓޯރިއާ އިންނެވެ. އެ ރިސޯޓުން ވަނީ ކޮންމެ މުވައްޒަފަކަށް ބޯނަސްގެ ގޮތުގައި އެއް މަސް ދުވަހުގެ މުސާރަ އާއި ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 3،320 ޑޮލަރު (51،194.4 ރުފިޔާ) ބަހަން ނިންމައިފަ އެވެ.

އޭގެ އިތުރުން ތިންވަނަ އަށް އެންމެ ބޮޑު އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ބަހަން ނިންމާފައި ވަނީ އިންޑިއާގެ ބިލިއަނަރު ސޯނޫ ސިވްދަސާނީ ހިންގާ އެވާ ސޮނޭވާ އިންނެވެ. އެ ރިސޯޓުން 3،253.64 ޑޮލަރު (50،171 ރުފިޔާ) ބަހަން ނިންމާފައިވެ އެވެ.

ސާވިސް ޗާޖުގެ ގޮތުގައި މިފަހަރު 3،000 ޑޮލަރުން މަތިން ބަހާ ހަތަރު ވަނަ ރިސޯޓަކީ މާލެ އަތޮޅުގައި ހިންގާ ވަން އެންޑް އޮންލީ ރިސޯޓެވެ. އެ ރިސޯޓުން ވެސް މިފަހަރު ސާވިސް ޗާޖުގެ ގޮތުގައި 3،089 ޑޮލަރު (47،632 ރުފިޔާ) ބަހަން ނިންމާފައިވެ އެވެ.

ޓޫރިޒަމްގެ ހައި ސީޒަނާ ދިމާކޮށް ރާއްޖޭގެ ގިނަ ރިސޯޓުތައް މިދިޔަ މަހުން ފެށިގެން ވަނީ ފުލްވެފަ އެވެ. އަދި ރިސޯޓުތަކުގެ ކޮޓަރި ވިއްކާ އަގުތައް ބޮޑުކުރުމުން މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ލިބޭ މިންވަރު މިމަހާއި އަންނަ މަހު ވެސް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރުކޮށްފަ އެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.