މިދިޔަ އަހަރު ނިމުނުއިރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 224 މިލިޔަން ރުފިޔާ ލިބިއްޖެ އެވެ.

އެމްޓީސީސީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރު ނިމުނުއިރު 224.6 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް އެމްޓީސީސީ އަށް ލިބުނެވެ. މިއީ 2020 ވަނަ އަހަރު ލިބުނު ފައިދާއާ އަޅާ ބަލާއިރު ވެސް 15 ޕަސެންޓުގެ އިތުރުވުމެކެވެ. އެ އަހަރުގެ ސާފު ފައިދާއަކީ 190.6 މިލިއަން ރުފިޔާ އެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން، މިދިޔަ އަހަރު އެމްޓީސީސީ އަށް 264 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނުއިރު، 2020 ގެ އަދަދަކީ 220.75 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު ނިމުނުއިރު، އެމްޓީސީސީ އަށް 1.96 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ލިބުނީ 1.36 ބިލިއަން ރުފިޔާ އެވެ.

2021 ވަނަ އަހަރުގެ ކުއާޓާގައި އެ ކުންފުނިން އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއިއެކު ހިންގާފައިވެ އެވެ. އެގޮތުން އެކި މަރުހަލާތަކުގައި 103 މަޝްރޫއެއްގެ މަސައްކަތް ކުންފުނިން ދަނީ ކުރަމުންނެވެ. އެގޮތުން މި ކުއާޓާގެ ތެރޭގައި 10 މަޝްރޫއެއްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު އަށް ޕްރޮޖެކްޓެއްގެ މަސައްކަތް މި ކުއާޓާގައި ވަނީ ފަށާފައި ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ 18 މަޝްރޫއެއްގެ މަސައްކަތް މިހާރު އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށެވެ.