Advertisement

ޖެނުއަރީން ފެށިގެން އިންކަމް ޓެކްސް، 40،000ރ. އިން މަތީގެ އާމްދަނީން ނަގާނެ

FacebookTwitterWhatsAppTelegramViber

އަންނަޖެނުއަރީ މަހުން ފެށިގެން އިންކަމް ޓެކްސް ނަގަން ފެށޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސަލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވީ އަންނަ ހަފްތާގައި ޓެކްސްއާ ގުޅޭ ބިލް މަޖިލީހަށް ހުށަހެޅޭނެ ކަމަށެވެ.

"މި ހަފްތާ ނިމޭއިރު އަޅުގަނޑުމެންނަށް މަޖިލީހާ ހަމައަށް ފޮނުވޭނެ. އެހެންވީމާ، އަންނަ ހަފްތާގައި މަޖިލީހުގައި މި މަސައްކަތް ކުރިއަށް ދާނެ. މި މަސް ނިމުމުގެ ކުރިން މި ބިލް ފާސްވޭތޯ މަސައްކަތް ކުރަމުން މިދަނީ،" އަރުޝަދު ވިދާޅުވި އެވެ.

ފުރަތަމަ ޓެކްސް ނަގަން ފަށާއިރު ޓެކްސް ދައްކަން ޖެހޭނީ މަހުން މަހަށް މުސާރަ ލިބޭ ފަރާތްތަކުންނެވެ. އެހެން ފަރާތްތަކުން ޓެކްސް ދައްކަން ފަށާނީ، ގާނޫނަށް އަމަލުކުރަން ފަށާތާ އަހަރެއް ފަހުންނެވެ.

އޭނާ ވިދާޅުވީ ޓެކްސް ނަގަން ފެށުމުގެ ކުރިން މިކަމަށް ތައްޔާރުވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ވެސް ވަގުތު ލިބިިގެންދާނެ ކަމަށެވެ. އަދި އާއްމުން ވެސް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމު ރޭވިފައިވާ ގޮތް

ދިވެހިރާއްޖޭގައި މުއްސަނދިންނާއި ފަގީރުންގެ ފަރަގު ބޮޑުވެފައިވާއިރު، މި ފަރަގު ކުޑަކުރުމަށް ބޭނުންކުރެވިދާނެ އެންމެ މުހިއްމު އެއް ސިޔާސަތަކީ ޕްރޮގްރެސިވް ޓެކްސްގެ ނިޒާމެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. ޕްރޮގްރެސިވް ޓެކްސް ނިޒާމެއްގެ ދަށުން، ލިބޭ އާމްދަނީ ގިންތިތަކަކަށް (ބްރެކެޓުތަކަކަށް) ބަހާލެވި، މަތީ ބްރެކެޓުތަކުގައި ހިމެނޭ ގިނަ އާމްދަނީ ލިބޭ ފަރާތްތައް މަތީ ރޭޓެއްގައި ޓެކްސް ކުރެވޭނެ އެވެ. މިގޮތުން، ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގައި،
ޓެކްސްގެ ނިޒާމު ޕްރޮގްރެސިވް ކުރުމަށް ހަތަރު ބްރެކެޓާއި ޓެކްސް ރޭޓުތައް ވަނީ ބިލުގައި ހިމަނާފަ އެވެ. އެއީ:

  • މަހެއްގެ މައްޗަށް 40،000 ރުފިޔާ އިން ދަށުގެ އާމްދަނީއެއް ލިބޭ ފަރާތްތައް: ޓެކްސް ނުނަގާނެ
  • މަހެއްގެ މައްޗަށް 60،000-40،000 ރުފިޔާ ލިބޭ ފަރާތްތައް: އާމްދަނީގެ އަށް ޕަސެންޓް
  • މަހެއްގެ މައްޗަށް 100،000-60،000 ރުފިޔާ ލިބޭ ފަރާތްތައް: އާމްދަނީގެ 10 ޕަސެންޓް
  • މަހެއްގެ މައްޗަށް 100،000 ރުފިޔާ އަށް ވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތައް: އާމްދަނީގެ 15 ޕަސެންޓް

ޓެކްސް ދައްކާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރާ އަދަދަކީ 866,5 މީހުންނެވެ. މިއީ، އާމްދަނީ ލިބޭ މީހުންގެ ގާތްގަނޑަކަށް ތިން ޕަސެންޓެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top