އަލަށް އެކުލަވާލި ގައުމީ ޕޭމަންޓް ސިސްޓަމްގެ ގަނޫނުގެ ދަށުން ޕޭމަންޓް ޚިދުމަތް ދިނުމުގެ ފުރަތަމަ ލައިސަންސް އުރީދޫ އާއި ދިރާގަށް ދީފި އެވެ.

ގައުމީ ޕޭމަންޓް ސިސްޓަމް ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ހިނގާތޯ ބެލުމާއި، ގައުމީ ޕޭމަންޓް ސިސްޓަމްގެ ކަންކަން ރެގިއުލޭޓްކޮށް ވިލަރެސް ކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ.

މަރުކަޒީ ބޭންކުން ބުނީ އުރީދޫ މޯލްޑިވްސްއަށް ދޫކޮށްފައި ވަނީ ރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތާއި ރެމިޓަންސް ޚިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް ކަމަށެވެ. އަދި ދިރާގަށް ދޫކޮށްފައި ވަނީ ރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީިން މި ދެ ކުންފުންޏަށް ވެސް ލައިސަންސް ދޫކޮށްފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން ޕޭމަންޓްގެ ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުމާއެކު، މި ދެ ކުންފުނިން ވެސް ޕޭމަންޓް ޚިދުމަތް ދެމުންގެންދާނީ މި ލައިސަންސްގެ ދަށުންނެވެ. މިއާއެކު ކުރިން އުރީދޫ މޯލްޑިވްސް އާއި ދިރާގަށް ދޫކޮށްފައިވާ މޮބައިލް ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް ވަނީ ބާތިލް ކޮށްފަ އެވެ.

މި ލައިސަންސްގެ ދަށުން އުރީދޫ މޯލްޑިވްސްއިން އަލަށް ތައާރަފް ކުރުމަށް ނިންމާފައިވާ ރެމިޓަންސް ޚިދުމަތަކީ، އެ ކުންފުނިން ދެމުންގެންދާ އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭ ގޮތަށް ފަރުމާކޮށްފައިވާ ޚިދުމަތެކެވެ.

ގައުމީ ޕޭމަންޓް ސިސްޓަމްގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ މޭ 18ގަ އެވެ.

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަކީ ދިވެހިރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވާސީކުރުމާއި ކަމާގުޅޭ އެންމެހައި ކަންކަން ބަޔާންކުރުމުގެ ގާނޫނެވެ.

މި ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ގައުމީ ޕޭމަންޓް ސިސްޓަމްގެ ހަމަޖެހުން ދެމެހެއްޓުމާއި، ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ގައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވާސީކުރުން ހިމެނެ އެވެ.

އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީން މަސައްކަތްކުރަމުން ގެންދަނީ ކުރިއަށް އޮތްތަނުގައި ވެސް، ގައުމީ ޕޭމަންޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެއް ވިއުގައެއް މެދުވެރިކޮށް ގިނަ ޕޭމަންޓް ޚިދުމަތްތަކެއް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ ގޮތް މަގުފަހިކޮށްދިނުމަށެވެ.