ލަފާކުރި ވަރަށް ވުރެ ވެސް އިގްތިސާދީ ލޮޅުން ބޮޑުވެ، ފިޗު ރޭޓިންސް އިން ރާއްޖެ އަށް ދީފައިވާ ކްރެޑިޓް ރޭޓިން "ބީ" އިން "ސީސީސީ" އަށް ދަށްކޮށްފި އެވެ.

"ސީސީސީ" ރޭޓިން އަކީ އިގްތިސާދަށް ލޮޅުން ބޮޑު އަދި އިގްތިސާދު ރަނގަޅު ނުވެއްޖެ ނަމަ ދަރަނި އަދާ ނުކުރެވިދާނެ ކަމަށް ބެލެވޭ ގައުމުތަކަށް ދޭ ރޭޓިން އެކެވެ. މި ރޭޓިން އާއި އެ އަށް ވުރެ ދަށް ރޭޓިންތަކަށް ފިޗުން އައުޓްލުކެއް ވެސް ނުދެ އެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމަށް ފަހު ފިޗުން ނެރުނު ބަޔާނެއްގައި ބުނީ، ރޭޓިން ދަށްކުރަން ޖެހުނީ، ކުރިން ހީކުރި ވަރަށް ވުރެ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑުވުމުންނާއި އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ހޭދަވާނެ މުއްދަތު ކުރިން ލަފާކުރެވުނު ވަރަށް ވުރެ ދިގުވެގެން ދާނެ ކަމަށް ބެލެވޭތީ ކަމަށެވެ. މީގެ އިތުރުން، ކޮވިޑް-19 އާއި ހުއްޓުމެއް ނެތި ދަރަނި ނަގައިގެން ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ސަބަބުން ރާއްޖޭގެ ދަރަނި އިންތިހާ އަށް ބޮޑުވުމަކީ ވެސް އޭގެ ސަބަބެއް ކަމަށް ފިޗުން ބުނެފައިވެ އެވެ.

ފިޗުން ބުނީ، މި އަހަރު ރާއްޖޭގެ އިގްތިސާދު 30 އިންސައްތަ އަށް ދަށަށް ދާނެ ކަމަށް ބެލެވޭ ކަމަށާއި ރާއްޖެ އަކީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ބޮޑަށް އިގްތިސާދު ވެއްޓޭނެ އެއް ގައުމު ކަމަށެވެ. ކޮވިޑް-19 ގެ ސަބަބުން ބޭރުގެ އެހީ ގިނަ އަދަދަކަށް ލިބުނު ކަމަށް ވިޔަސް، ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުން އަނބުރާ އިއާދަކުރަން ހުރި ގޮންޖެހުންތަކުގެ ސަބަބުން ބޭރު ފައިސާ ލިބުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ވެސް ފިޗުން ފާހަގަކޮށްފައިވެ އެވެ.

ކޮރޯނާވައިރަސްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައި އޮތުމަށް ފަހު އަލުން ފެށިފައި ވިޔަސް، ކުރިން ލަފާކުރެވުނު ވަރަށް ވުރެ އެ ސިނާއަތް ކޮޅަށް ޖެހުމަށް ހޭދަވާ މުއްދަތު ދިގުވެގެން ދާނެ ކަމަށް މިހާރު ބެލެވޭ ކަމަށް ވެސް ފިޗުން ބުނެފައިވެ އެވެ. އެގޮތުން، އަންނަ އަހަރު ވެސް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ކުރިއަރާނީ ވަރަށް ދަށް ސްޕީޑެއްގައި ކަމަށާއި ކުރީގެ މިންވަރަށް ފަތުރުވެރިކަން އިއާދަވާނީ 2022 ވަނަ އަހަރުގެ ނިޔަލަށް ކަމަށް ލަފާކުރެވޭ ކަމަށް ފިޗުން ބުނެފައިވެ އެވެ.

ފިޗުން ބުނީ، ރާއްޖޭގެ ދަރަނި ޖީޑީޕިގެ ނިސްބަތުން މިދިޔަ އަހަރު 62.2 އިންސައްތައިގައި ހުރިއިރު، މި އަހަރު އެ އަދަދު 110.7 އިންސައްތަ އަށް އަރާނެ ކަަމަށް ލަފާކުރެވޭ ކަމަށެވެ. މިދިޔަ އަހަރު 5.8 އިންސައްތައިގައި ހުރި ބަޖެޓް ޑެފިސިޓް މި އަހަރު 21.7 އިންސައްތަ އަށް އަރާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރުގެ ޑެފިސިޓް ވެސް 18.8 އިންސައްތައިގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށް ފިޗުން ބުންޏެވެ.

"ރާއްޖޭގެ ދަރަނި އަދާކުރުމަށް ހުރި ގޮންޖެހުންތައް އަދި ދަރަނި އަދާނުކުރެވިދާނެ ކަމުގެ ނުރައްކާ ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށް ގަބޫލުކުރެވޭ،" ފިޗުގެ ބަޔާނުގައިވެ އެވެ.

ފިޗުން ބުނީ، އިގްތިސާދަށް ކުރިމަތިވެފައިވާ ލޮޅުންތަކާއި ބޭރުގެ އިގްތިސާދުތަކަށް ވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން، ފައިސާ ހޯދާނެ ދޮރުތައް ވެސް މަދުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް، މި އަހަރުގެ ހަތަރު ވަނަ ކުއާޓަރުން ފެށިގެން 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ދެމެދު 494 މިލިއަން ޑޮލަރުގެ ލޯނު ސީދާ ސަރުކާރުން އަނބުރާ ދައްކަންޖެހޭ ކަމަށެވެ. އޭގެ އިތުރުން، ދައުލަތުން ގެރެންޓީ ދީގެން ނަގާފައިވާ ދަރަނީގެ ތެރެއިން އިތުރު 568 މިލިއަން ޑޮލަރު ވެސް އެ މުއްދަތުގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ ކަމަށް ފިޗުން ބުންޏެވެ.

ރާއްޖެ އަށް ކްރެޑިޓް ރޭޓިން ދެނީ ދުނިޔޭގެ އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗާއި މޫޑީސް އިންވެސްޓާސް އިންނެވެ. މި ދެ ކުންފުނިން އަންނަނީ ކޮންމެ އަހަރަކު ރާއްޖެއާ ގުޅޭ ގޮތުން އާންމުކޮށް ލިބެން ހުންނަ މާލީ ހިސާބުތަކާ ބެހޭ މައުލޫމާތު ހޯދައި އަދި ރާއްޖެ އަށް ޒިޔާރާތްކޮށް، ކަމާ ބެހޭ އޮފީސްތަކާއި ރާއްޖެއާ ގުޅުންހުރި ބޭރުގެ ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު ހޯދަމުންނެވެ.

ފިޗުން ރާއްޖެ އަށް ފުރަތަމަ ފަހަރަށް ކްރެޑިޓް ރޭޓިން ދީފައި ވަނީ 2016 ވަނަ އަހަރު އެވެ.