އެކި ނަންނަމުގައި ފޯނުން ގުޅައިގެން އިންޓަރނެޓް ބޭންކިން މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުވައި މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާކަމުގެ ޝަކުވާތައް އަނެއްކާ ވެސް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފި އެވެ.

އެ ބޭންކުން ބުނިގޮތުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ ގޮތުން ތަފާތު މުދަލާއި ހިދުމަތް ފޯރުކޮށްދޭ ފަރާތެއް ކަމަށް ބުނެ އެކި ކަސްޓަމަރުންނަށް ގުޅަމުންދާކަން ފާހަގަކުރެވެ އެވެ. އަދި ސޯޝަލް މީޑިއާ އެކައުންޓްތަކުގެ އެކްސެސް ހޯދައި، އެ ބޭނުން ކޮށްގެންނާއި ބައެއް ފޭކު ޕޭޖުތައް ހަދައިގެން، މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

"މި ކޯލްތަކުގައި ކަސްޓަމަރުންނަށް އޮޅުވާލުމުގެ ގޮތުން ވާހަކަދައްކަމުންދަނީ ވަރަށް ވެސް ގަބޫލުކުރެވޭ ފަދަ ގޮތަކަށް. މިގޮތަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ފުރުސަތު އެ ފަރާތްތަކަށް ނުދިނުމުގެ ގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކަށް ދެއްވާ އޯޑަރުތަކަށް ތަކެތި ލިބުމުގެ ކުރިން ފައިސާ ނުދެއްކެވުމަށް އިލްތިމާސްކުރަން. އަދި ނުދަންނަ ފަރާތްތަކުން ގުޅައި ފައިސާ ފޮނުވައި ދިނުމަށް އެދި ކުރާ ކޯލްތަކަށް ޖަވާބު ނުދެއްވުމަށްވެސް އެދެން،" އެ ބޭންކުން ބުންޏެވެ. "އަދި އެކި ނަންނަމުގައި ކުރާ ފޯނު ކޯލުތައް މެދުވެރިކޮށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކް އެކައުންޓް، އިންޓަނެޓް ބޭންކިން އަދި ކާޑުގެ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރެއްވުމަށް ވެސް ދަންނަވަން."

ބީއެމްއެލް އިން ބުނީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން އެކި ގޮތްގޮތަށް އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުން އަންނަ ކަމަށެވެ.

"އެހެންކަމުން ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކާ އެކު ފައިސާ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވުމަށް ދަންނަވަން. އަދި މިދަނޑިވަޅުގައި ވީހާވެސް ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރަން،" އެ ބޭންކުން ބުންޏެވެ.