Advertisement

އައިޓީއެފްސީން 1.5 ބިލިއަން ޑޮލަރުގެ އެހީ ރާއްޖެ އަށް ދެނީ

FacebookTwitterWhatsAppTelegramViber

ދިވެހި ސަރުކާރާއި އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ އެހީ ދިނުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ކުރުނބާ މޯލްޑިވްސް ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެވެ. އައިޓީއެފްސީގެ ފާރާތުން ސޮއިކުރެއްވީ ސީއީއޯ ހާނީ ސަލީމް ސޮންބޯލް އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ހަކަތަ އާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް މި އެހީ ބޭނުންކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމުކީ ސަރުކާރުގެ މައި އަމާޒެއް ކަމަށާއި، މި ފައިސާ ހަމަޖެހުމުން އެކަން ހާސިލް ކުރެވޭނެ ކަމުގެ ޔަގީންކަން ލިބުނީ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޓީއެފްސީގެ ސީއީއޯ ސޮންބޯލް ވިދާޅުވީ ވިޔަފާރީގެ ދާއިރާ އިން ރާއްޖެ އަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ސަރުކާރާ އެކު މަޝްވަރާކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ އިގްތިސޯދުގެ މައި ނާރު ކަމަށްވާ ޓޫރިޒަމާއި މަސްވެރިކަން ކުރިއެރުވުމަށްޓަކައި ދެމެހެއްޓެނެވި ގޮތެއްގައި ރާއްޖެ އަށް ތެޔޮ ސަޕްލައިވުމުގެ މުހިންމު ކަމުގެ މައްޗަށް އޭނާ އަލިއަޅުވާލެއްވި އެވެ. އަދި ރާއްޖެ އަކީ އެ ކޯޕަރޭޝަނުން އެންމެ ބޮޑު އަދަދެއްގެ އެހީ ދޭ އެއް ގައުމު ކަމަށާއި، ރާއްޖޭގައި އުފައްދާ ހަަކަތައިގެ 80 ޕަސެންޓް އުފައްދަނީ އެ ކޯޕަރޭޝަނުގެ މާލީ އެހީގައިކަން އޭނާ ފާހަގަކުރެއްވި އެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވަޑައިގެނެނެވި އެވެ. މީގެ އިތުރުން އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމް އާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖެ އަކީ، 2008 ގައި އުފެއްދި އައިޓީއެފްސީން މާލީ އެހީ ފޯރުކޮށްދޭ މައިގަނޑު ފަރާތްތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. މިގޮތުން، އެސްޓީއޯ އިން އެތެރެކުރާ ތެލުގެ 80 ޕަސެންޓަކީ އައިޓީއެފްސީގެ މާލީ އެހީތެރިކަމާ އެކު އެތެރެކުރެވޭ ތެލެވެ.

އައިޓީއެފްސީ އަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ކުޑައިގެ ދަށުގައި ހިމެނޭ މާލީ އެހީ ފޯރުކޮށްދޭ ފަރާތެކެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top