Advertisement

އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދޭން ނިންމި ނިންމުން ބަދަލުކޮށްފި

FacebookTwitterWhatsAppTelegramViber

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ސީޕްލޭން ޓާމިނަލުން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ބޮޑު ފައިދާއެއް ލިބޭ ގޮތަށް "ދޭން" ނިންމި ނިންމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބަދަލުކޮށްފި އެވެ.

ޓީއެމްއޭ އަށް ބޮޑު ފައިދާއެއް ލިބޭ ގޮތަށް، ވީއައިއޭގައި އަލަށް ހަދާ ސީޕްލޭން ޓާމިނަލް އެ ކުންފުންޏަށް "ދޭން" ނިންމާފައިވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.

އެކަމާ ގުޅިގެން އެމްއޭސީއެލް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދިނުމަށް އެ ކުންފުނިން ގަސްދުކޮށްފައި ނުވާ ކަމަށެވެ. އެ ތަން ޑިޒައިންކޮށްފައި ވަނީ ގިނަ އޮޕަރޭޓަރުންތަކަކަށް ބޭނުންކުރެވޭ ތަނެއްގެ ގޮތުގައި ކަމަަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދިނުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.

އެމްއޭސީއެލް އިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާ އާ ސީޕްލޭން ޓާމިނަލް، ދައުލަތަށް ގެއްލުންވާ ގޮތަށް ކުއްޔަށް ދޫކުރަން އުޅޭ ކަމުގެ ތުހުމަތަކާ ގުޅިގެން އޮޑިޓެއް ހަދަން ހަވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ އޮގަސްޓް މަހު ނިންމާފައިވެ އެވެ. އެ ކޮމިޓީން އެކަން ތަހުގީގުކުރަން ނިންމީ، އާ ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދޭން އުޅޭ ކަމުގެ އަޑު ފެތުރި، ރާއްޖޭގައި ސީޕްލޭން އޮޕަރޭޓް ކުރާ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. ނަމަވެސް، އެ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް މަޖިލީހުން ހާމަކޮށްފައެއް ނުވެ އެވެ.

މުޅި ދުނިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓީއެމްއޭ އިން ވަނީ ދާދި ފަހުން އިތުރު ބޯޓެއް ގެނެސްފަ އެވެ. އިތުރު ދެ ބޯޓް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ގެންނަން ނިންމާފައިވެ އެވެ.

ރާއްޖޭގައި ސީޕްލޭން އިންޑަސްޓްރީ ފުޅާވެ، އަލަށް ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭން ފަށާފައިވާ މަންޓާ އެއާ އިން ވެސް ސީޕްލޭންގެ ހިދުމަތް ފެށުމަށް ބޯޓުތައް ރާއްޖެ ގެންނަން ވަނީ ފަށާފަ އެވެ. އެ ކުންފުނިން ވަނީ މި އަހަރު ނިމުމުގެ ކުރިން 10 ސީޕްލޭން ގެނައުމަށް އަމާޒު ހިފާފަ އެވެ.

މީގެ އިތުރުން، ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވެސް ސީޕްލޭންގެ ހިދުމަތް އަންނަނީ ދެމުންނެވެ. އަދި ވިލާ އެއާގެ ފްލައިމީން ވެސް އަންނަނީ ސީޕްލޭންގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންނެވެ

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top