Advertisement

ކަންމަތީ ފިހާރަތކުން ފިޔާ ކިލޯ އެއް ލިބެނީ 50ރ. އަށް

ފިޔާގެ އަގު އުފުލި ވިއްކުން ކޮންޓްރޯލް ކޮށްފި!

FacebookTwitterWhatsAppTelegramViber

އިންޑިއާ އިން ފިޔާ ލިބުން ދަތިވެ ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ވަރަށް ބޮޑުތަން އުފުލިއްޖެ އެވެ.

މީގެ ދެ ދުވަސް ކުރިން 20ރ. އަށް ލިބެން ހުރި ފިޔާ ކިލޯއެއްގެ އަގު މިއަދު ވަނީ 50ރ. އަށް އުފުލިފަ އެެވެ.

އިންޑިއާ އަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ފިޔާ އެކްސްޕޯޓު ކުރުން އެ ގައުމުން ވަނީ ކޮންޓްރޯލްކޮށްފަ އެވެ. މިއާ އެކު، އޭޝިއާގެ ވަރަށް ގިނަ ގައުމުތަކަށް ފިޔާ ވިއްކުން އެ ގައުމުން އެއްކޮށް ހުއްޓާލާފަ އެވެ.

އެހެން ނަމަވެސް، ސަރުކާރުން ބުނީ އިންޑިއާ އިން ރާއްޖެ އަށް ފިޔާ ލިބުމުގައި އެއްވެސް ދައްޗެއް ނޫޅޭ ކަމަށެވެ. ފޮރިން މިނިސްޓްރީން ވެސް ބުނީ ރާއްޖެ އަށް ފިޔާ ލިބުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށެވެ.

އިންޑިއާ އިން ރާއްޖެ އަށް ގެނެވޭ އަސާސީ ތަކެތި އެތެރެކުރުމުގެ ކޯޓާ އެ ގައުމުން ތިން އަހަރަށް މި އަހަރުގެ މާޗް މަހު އިތުރުކޮށްދިންއިރު އޭގެ ތެރޭގައި ފިޔާ، އަލުވި އަދި މުގު ހިމެނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ފިޔާ ރާއްޖެ ނުގެނެވިގެން އުޅެނީ ރާއްޖެ އިން އިންޑިއާ އަށް ފޮނުވަން ޖެހޭ ބައެއް ލިޔެކިޔުންތައް ފޮނުވުމުގައި ލަސްތަކެއް ވެގެންނެވެ. އެހެންވެގެން، ޓުޓްކޮރިން ބަނދަރުން ފިޔާ އެއްގޮތަކަށް ވެސް ނޭރުވެ އެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ވިޔަފާރިވެރިންނަށް އިންޑިއާ އިން ފިޔާ ނުގެނެވިގެން އުޅޭ ސަބަބެއް ނޭނގޭ ކަމަށެވެ.

ވިޔަފާރިވެރިއަކު ބުނީ ރާއްޖެ އަށް އިންޑިއާ އިން ފިޔާ ނުގެނެވޭ ކަމަށެވެ.

"އިންޑިއާ އިން އެންމެ ގިނަ އިން މުދާ މި ގެންނަނީ ޓުޓިކޮރިން ބަނދަރުން، އެކަމަކު އެ ބަނދަރުން ފިޔާ މިހާރު ނޭރުވޭ،" އޭނާ ބުންޏެވެ.

ބައެއް ވިޔަފާރިވެރިން ބުނީ މި ދުވަސްވަރު އިންޑިއާ އަށް ބޭނުންވާ ވަރަށް ވެސް ފިޔާ ނުއުފެއްދެނީ ކަމަށެވެ.

ރާއްޖޭގެ ބާޒާރުގައި މިވަގުތު ފިޔާ ލިބުން މަދުވުމުން ފިޔާ ވިއްކާ ފަރާތްތަކުން ވަނީ ފިޔާ އަގުބޮޑުކޮށް ވިއްކަން ފަށާފަ އެވެ. އެގޮތުން، ފިޔާ ބަސްތާއެއް އުޅޭނީ 800-1000ރ. އާއި ދެމެދުގަ އަގެއްގަ އެވެ.

ހުޅުމާލޭގައި ވެސް މިއަދު ފިޔާގެ އަގު ހުރީ ކިލޯއެއް 40-55ރ. އާއި ދެމެދުގެ އަގެއްގަ އެވެ. ފަންސަވީސް ކިލޯގެ ފިޔާ ބަސްތާއެއް ހުޅުމާލޭގައި ހުރީ 1000ރ. އަށެވެ.

އައްޑޫ ސިޓީގައި ފިޔާ ކިލޯއެއް އުޅެނީ 40ރ. އަށެވެ. މިހާރު އެ ސަރަހައްދުން ފިޔާ ވިއްކަނީ ގެއަކަށް ދުވާލަކަށް ކިލޯއެއްގެ މަގުން ކޮންޓްރޯލްކޮށްގެންނެވެ.

އިންޑިއާ އަށް ކުރަމުންދާ ވިއްސާރާއިގައި އިންޑިއާގެ ދަނޑުގޮވާންތައް ވަނީ ހަލާކުވެ ބޭނުންނުކުރެވޭ ވަރުވެފަ އެވެ. އިންޑިއާ އިން ފިޔާ އެކްސްޕޯޓުކުރާ ގައުމުތަކަށް ފިޔާ އާއި އެހެނިހެން ތަކެތި ލިބުމުގައި ދަތިތަކާ ކުރިމަތިވަމުން އެބަދެ އެވެ. އެގޮތުން، އިންޑިއާ އިން ފިޔާ އެކްސްޕޯޓު ކުރުން ހުއްޓާލުމާ އެކު ބަންގްލަދޭޝްގައި ވެސް ވަނީ ފިޔާގެ އަގު އުފުލިފަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން އިންޑިއާގައި ފިޔާ ހައްދާ މީހުގެ އަތުގައި ހުރީ ވަރަށް މަދު ފިޔާ ކޮޅެކެވެ. އެއީ ވެސް ވިއްސާރަވެ ފެން ބޮޑުވުމުގެ ކުރިން ހައްދާފައިވާ ފިޔަލެވެ.

މިދިޔަ މަހު އިންޑިއާ އިން ފިޔާ ޓަނެއް ލިބެން ހުރީ 850 ޑޮލަރަށެވެ. އަދި އިންޑިއާގައި ވެސް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ފިޔާ ވިއްކާ އަދަދު ވެސް ވަނީ މަދުކޮށްފަ އެވެ.

އިންޑިއާ އިން އަހަރެއްގެ މައްޗަށް 19.3 މިލިއަން ޓަނުގެ ފިޔާ އުފައްދަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top