މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް 3,983 ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި 15ގައި ބޯޑަރު އަލުން ހުޅުވި ފަހުން 44,365 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އަދި މިދިޔަ މަހު އެކަނި 21,515 ޓޫރިސްޓުން އައިސްފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިމަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލަކު 996 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ މަހު އެވްރެޖްކޮށް ދުވާލަކު އައިސްފައި ވަނީ 694 ޓޫރިސްޓުންނެވެ.

ބޯޑަރު އަލުން ހުޅުވިފަހުން މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން އެކަނި 9,519 މީހުން އައިސްފައިވެ އެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 3,817 މީހުން އައިސްފައިވެ އެވެ. ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޔޫއޭއީންނެވެ. އެއީ 3,683 މީހުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް އެންމެ ގިނަ މީހުން އުފުލާފައި ވަނީ އެމިރޭޓްސް އިންނެވެ. އެއީ 16,276 މީހުންނެވެ.