ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރު ރެކޯޑް މިންވަރެއްގެ ފައިދާއެއް ހޯދައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު އާއްމުކުރި މިދިޔަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބޭންކަށް ވަނީ 1.7 ބިލިއަށް ރުފިޔާ ލިބިފަ އެވެ. 2020 ވަނަ އަހަރު އެ ބޭންކަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 325 މިލިއަން ރުފިޔާ އެވެ.

އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ބޭންކަށް މިހާތަނަށް ލިބުނު އެންމެ ރަނގަޅު މާލީ ނަތީޖާ ހޯދައި ދިވެހި މުޖުތަމައަށް އެހީތެރިވުމަށް ކަނޑައަޅާފައިވާ މުހިންމު މަގްސަދު ހާސިލްކުރުމަށް މަސައްކަތްކުރަމުންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

"މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބޭންކަށް ވަނީ 1.7 ބިލިއަށް ރުފިޔާ ލިބިފައި. މިއީ ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކޮށްފައިވާ ނޭދެވޭ އަސަރާއެކު ލިބުނު ގެއްލުމުން އަރައިގަތުމުގައި ރަނގަޅު ކުރިއެރުމެއް ހޯދައި، އާމްދަނީ ލިބޭ މައިގަނޑު ދާއިރާތަކުން އަންދާޒާ ކުރެވުނު ވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދައި އަދި ދައްކަންޖެހި ނުދައްދާ އޮތް ލޯނަކަށް ތިންވަނަ ކުއާޓަރގައި އެއްފަހަރާ ލިބުނު ފައިސާ ހިމެނޭހެން ހޯދުނު ނަތީޖާއެއް،" ބީއެމްއެލް އިން ބުންޏެވެ.

މި ނަތީޖާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މިދިޔަ އަހަރުގެ ނަތީޖާއަށް ބަލާއިރު މިއީ ބޭންކުގެ ތާރީހުގައި މިހާތަނަށް އެެންމެ ބޮޑު ކާމިޔާބެއް ހޯދި އަހަރު ކަމަށެވެ.

"ކޮވިޑްގެ ހާލާތާ ގުޅިގެން ހިންގުމުގައި ދަތި އުނދަގޫތަކެއް ކުރިމަތިވިކަމުގައި ވީނަމަވެސް، 2021 ވަނަ އަހަރު ވިޔަފާރިން ހަރުދަނާ ނަތީޖާއެއް ހޯދިފައި ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްކުރަމުންދާ އަޅުގަނޑުމެންގެ ޓީމުތަކުން ވަރުބަލިކަމެއްނެތި ކުރި ބުރަ މަސައްކަތުން،" އޭނާ ވިދާޅުވި އެވެ.

ޓިމް ވިދާޅުވީ އެ ބޭންކުން ދޫކުރާ ލޯނުގެ ނިސްބަތް އިރުތުވެ އަދި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވެސް ރަނގަޅުވެ 2.5 ޕަސެންޓްގައި ހިފެހެއްޓިފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 3.3 ބިލިއަން ރުފިޔާ އަށްވުރެ އިތުރު އަދަދަކަށް އައު ލޯނު ދޫކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ނަތީޖާ އާއެކު ހަރުދަނާކަމާއެކީ ދެމެހެއްޓެނެވި ގޮތެއްގައި ބޭންކުން ކަނޑައަޅާފައިވާ ސްޓްރެޓެޖީ ހާސިލްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ. އަދި ހިއްސާ އޮންނަ ފަރާތްތަކުން އުއްމީދުކުރާ ފަދަ ކުރިއެރުމެއް ބޭންކަށް ހޯދައިދިނުމަށްވެސް ފަސޭހަވެގެން ދާނެ. އަޅުގަނޑުމެންނަށް މި ހޯދުނު ނަތީޖާއާއެކު ސީދާ ގޮތުން އެންމެ ބޮޑު މަންފާއެއް ލިބިގެންދާނީ ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް. މި ގޮތުން ދިވެިރާއްޖޭގެ އިގްތިސާދަށް އެހީތެރިވުމަށް ވަރަށް ރަނގަޅު އަދަދެއް ސަރުކާރަށް ލިބިގެންދާނެ،" ޓިމް ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭންކުގެ އެސެޓަށް ގާތްގަނޑަކަށް 7.6 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 5.3 ބިލިއަން ރުފިޔާ އިތުރުވެފައިވެ އެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފަ އެވެ.

މި ނޮވެންބަރުގައި ފާހަގަކުރާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހަކީ ބޭންކަށް ހާސިލްކުރެވޭ މުހިންމު ލަނޑުދަނޑިއަކަށް ވެގެންދާއިރު، މި ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ފާހަގަކޮށްލެވޭ މުހިންމު ބޮޑެތި ހަރަކާތްތަކެއް ހިންގުމަށް ބޭންކުން ވަނީ ނިންމާފަ އެވެ. މިއީ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށާއި އަގުވަޒަން ކުރުމުގެ ގޮތުން ހިންގޭ މުހިންމު ހަރަކާތްތަކެކެވެ. މިގޮތުން މިހާތަނަށް ވަނީ ބީއެމްއެލް ސްކޮލާޝިޕް ފަންޑު، ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެނެއުމަށް އެހީވުމުގެ ޕްރޮގްރާމްގެ އިތުުރުން ބީއެމްއެލް ސްޓާޓަޕް ގްރާންޓް ފަންޑު އިފްތިތާހްކޮށްފަ އެވެ.