ކުޅުދުއްފުށީ ރީޖަނަލް ޕޯޓު ރީޑިވެލޮޕްމެންޓް މަޝްރޫއު އާއި ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

އެމްޓީސީސީގެ ހެޑް އޮފީހުގައި ބުރާސްފަތި ދުވަހުގެ ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީ އަދި ޗީފް އިންޖީނިއަރު އާދަމް މުހައްމަދެވެ.

އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއާއި ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.

ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ ރީޑިވެލޮޕްމަންޓް މަޝްރޫއުގެ ދަށުން، ފަޅު ފުންކުރުމާއި އައު މަގަތު ފާލަމެއް ހެދުމުގެ އިތުރުން ރިވެޓްމަންޓް ޖެހުމާއި ނެރުބައްތި ޖެހުން ހިމެނެއެވެ. މީގެއިތުރުން، އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުމާއި ވޯކްޝޮޕް އިމާރާތެއް ގާއިމުކުރުމާއި އެންވަރަމެންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުން ހިމެނެ އެވެ.

ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ޕޯޓް އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުމާއި، ގާޑް ހައުސް އިމާރާތަކާއި، ވެއާހައުސް އަދި ވޯކްޝޮޕް އިމާރާތެއްގެ އިތުރުން ނެރުބައްތި ހަރުކުރުމާއި ފެންޑާ ހަރުކުރުން ހިމެނެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ޕޯޓު މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 139 މިލިއަން ރުފިޔާ އަށް 495 ދުވަސްތެރޭގައި ނިންމައި ހަވާލުކުރާ ގޮތަށެވެ. ތިނަދޫ ރީޖަނަލް ޕޯޓު ހަވާލުކޮށްފައިވަނީ 17.8 މިލިއަން ރުފިޔާ އަށް 330 ދުވަސްތެރޭގައި ނިންމާ ހަވާލު ކުރާ ގޮތަށެވެ.