އެސްޓީއޯ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 478 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ބޭހާއި ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތައް ރާއްޖެ ގެނެސް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ކުންފުނިން މިއަދު އާއްމުކުރި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ސާފު ފައިދާ ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 33 ޕަސެންޓް އިތުރުވެފަ އެވެ.

އެސްޓީއޯއަށް މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.3 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 31 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެ ކުންފުނިން ބުނީ އެސްޓީއޯއިން ކުރަމުން އަންނަ ވިޔަފާރިތައް ރަނގަޅުވުމާއެކު މިދިޔަ އަހަރުގެ އެއް ކުއާޓަރުން އަނެއް ކުއާޓަރަށް ޖުމްލަ އާމްދަނީ އިތުރުކުރެވިފައިވާ ކަމަށެވެ. އެހެންކަމުން 2021 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ދިހަ ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލައިއިރު 41 ޕަސެންޓްގެ ކުރިއެރުމެކެވެ.

"މީގެ މައިގަނޑު ސަބަބަކީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިތުރުވުމާއި އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި ބަލައި 26 އިންސައްތަ އިތުރުވެފައިވުން. އަދި ހަމަމިއާއެކު، ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތަށް ކުރިއަރާ މި ވިޔަފާރިތަކުން ލިބުނު އާމްދަނީ ވަނީ އިތުރުވެފައި،" އެސްޓީއޯ އިން ބުންޏެވެ.

އެ ކުންފުނީގެ ޖުމްލަ އާމްދަނީ އިތުރުކުރެވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 1.5 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި ހަތް ޕަސެންޓްގެ ކުރިއެރުމެކެވެ. ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ހަރަދު އެއްވަރެއްގައި ހިފެހެއްޓުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 628 މިލިއަން ރުފިޔާ ލިބިފަ އެވެ. އަދި ފައިނޭންސް ކުރުމުގެ ހަރަދުވަނީ 20 މިލިއަން ކުޑަކުރެވިފަ އެވެ.

ޓެކްސްއަށް ކެނޑުމަށްފަހު މިދިޔަ ކުއާޓާރުގެ ސާފު ފައިދާއަކީ 131 މިލިއަން ރުފިޔާ އެވެ. ޓެކުހަށް ކެނޑުމުގެ ކުރިން، މުޅި އަހަރުގެ ސާފުފައިދާގެ ގޮތުގައި ވަނީ 571 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 32 ޕަސެންޓްގެ ކުރިއެރުމެކެވެ.

"މީގެ މައިގަނޑު ސަބަބަކީ، މަތީގައި ބަޔާންކުރެވުނު ފަދައިން، ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއިއެކު ހިންގުމުގެ ހަރަދު އެއްވަރެއްގައި ހިފެހެއްޓުމާއި ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުން،" އެ ކުންފުނިން ބުންޏެވެ.

ޓެކްސްއަށް ކެނޑުމަށްފަހު އެސްޓީއޯގެ މިދިޔަ އަހަރުގެ ސާފު ފައިދާއަކީ 478 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަަލާއިރު 33 އިންސައްތައިގެ ކުރިއެރުމެކެވެ.

"މި ފުރުސަތުގައި އެސްޓީއޯގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް، ނިހާޔަތައް ޝުކުރު ދަންނަވަމެވެ." އެސްޓީއޯ އިން ބުންޏެވެ.