ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، ފިޗް ރޭޓިން އިން ރާއްޖޭގެ ސޮވެރިން ރޭޓިންއަށް "ސީސީސީ" ކެޓަގަރީ ބަލައިނުގަންނަ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށް، އެ ނިންމުން ނިންމަން ހެދި އެސެސްމެންޓްތުތައް ގަބޫލު ނުކުރާ ކަމަށެވެ.

ލަފާކުރި ވަރަށް ވުރެ ވެސް އިގްތިސާދީ ލޮޅުން ބޮޑުވެ، ފިޗު ރޭޓިންސް އިން ރާއްޖެ އަށް ދިން "ސީސީސީ" ރޭޓިން އަކީ އިގްތިސާދަށް ލޮޅުން ބޮޑު އަދި އިގްތިސާދު ރަނގަޅު ނުވެއްޖެ ނަމަ ދަރަނި އަދާ ނުކުރެވިދާނެ ކަމަށް ބެލެވޭ ގައުމުތަކަށް ދޭ ރޭޓިން އެކެވެ. މި ރޭޓިން އާއި އެ އަށް ވުރެ ދަށް ރޭޓިންތަކަށް ފިޗުން އައުޓްލުކެއް ވެސް ނުދެ އެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމަށް ފަހު ފިޗުން ނެރުނު ބަޔާނެއްގައި ބުނީ، ރޭޓިން ދަށްކުރަން ޖެހުނީ، ކުރިން ހީކުރި ވަރަށް ވުރެ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑުވުމުންނާއި އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ހޭދަވާނެ މުއްދަތު ކުރިން ލަފާކުރެވުނު ވަރަށް ވުރެ ދިގުވެގެން ދާނެ ކަމަށް ބެލެވޭތީ ކަމަށެވެ. މީގެ އިތުރުން، ކޮވިޑް-19 އާއި ހުއްޓުމެއް ނެތި ދަރަނި ނަގައިގެން ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ސަބަބުން ރާއްޖޭގެ ދަރަނި އިންތިހާ އަށް ބޮޑުވުމަކީ ވެސް އޭގެ ސަބަބެއް ކަމަށް ފިޗުން ބުނެފައިވެ އެވެ.

ފިޗުން ދިން ރޭޓިން ގަބޫލު ނުކުރާކަމަށް ބުނެ ފިނޭންސްއިން ނެރުނު ބަޔާނުގައި ވަނީ ރާއްޖެ އަދި ދުވަހަކު ވެސް ސޮވެރިން ޑިފޯލްޓް ވެފައިނުވާ ކަމަށެވެ. އަދި މުސްތަގުބަލުގައި ވެސް މިގޮތުގައި ދަމަހައްޓަން ތައްޔާރަށް އޮތް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ސަރުކާރުންވަނީ ރާއްޖޭގެ ކޮވިޑު-19 ގެ ހާލަތު ސަރުކާރުން ކޮންޓްރޯލްކޮށްފައިވާ ކަމަށާއި އަދި ޓޫރިޒަމް ވެސް މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް ބުނެފަ އެވެ. އަދި ބޭރުގެ ފަރާތްތަކުން ވެސް މާލީ އެހީތެރިކަން ލިބިފައިވާ ކަމަށާއި އަދިވެސް އިތުރު ފަރާތް ތަކުން އެހީ ލިބޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.