ރާއްޖެއާ ތުރުކީއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ދިވެހިރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުތް ޝަވްޝަގްލޫގެ ދަތުރުފުޅުގެ ތެރެއިން މިއަދު މި އެއްބަސްވުމުގައި ސޮއެކުރެއްވީ ތުރުކީގެ ފަރާތުން މިނިސްޓަރު ޝަވްޝަގްލޫ އެވެ.

ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން އެގްޒިބިޝަންތަކާއި ފެއާތައް އިތުރުކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

"މީގެ ސަބަބުން ދިވެހިރާއްޖެއަށް އަންނަ ތުރުކީވިލާތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެ. އަދި މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ވަޒީރުންގެ ފެންވަރުގެ ޖޮއިންޓް އިކޮނޮމިކް ކޮމިޝަނެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައި،" ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި މި އެއްބަސްވުމަކީ ރާއްޖެއާއި ތުރުކީއާ ދެމެދު އިގްތިސާދީ ގުޅުން ވަރުގަދަކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެކެވެ.