ސޮނެވާ ޖާނީ ރިސޯޓުގައި ގަވާއިދާ ހިލާފަށް ހިންގާ އެތައް ކަމެއް ސިއްރުކޮށްގެން އުޅޭ ކަމަށް އެ ރިސޯޓުގެ މުވައްޒަފުންތަކެއް ބުނެފި އެވެ.

ސޮނެވާ ރިސޯޓްއިން ނ. އަތޮޅުގައި ހިންގާ މަތީ ފެންވަރުގެ ރިސޯޓު، ސޮނެވާ ޖާނީގެ މުވައްޒަފަކު ނަން ހާމަ ނުކުރުމަށް އެދި "ހުރިހާ" އާ ވާހަކަދައްކަމުން މިއަދު ބުނީ އެ ރިސޯޓުގައި ގަވާއިދާ ހިލާފު އެތައް ކަމެއް ކުރަމުންގެންދާ ކަމަށާއި، އެކަމުން ދިމާވާ ނުރައްކަލަކާމެދު ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

އޭނާ ބުނީ ސޮނެވާ ޖާނީގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ ގިނަ އަދަދެއްގެ ކޭސްތަކެއް ފެނިފައިވާ ކަމަށެވެ. އެގޮތުން އިއްޔެ އެކަނި ވެސް 30 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ގިނައީ ބިދޭސީން ކަމަށް ވެސް އޭނާ ބުންޏެވެ.

ނަމަވެސް މިއިން އެއްވެސް މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)ގެ ސަމާލުކަމަށް ގެނެސްފައި ނުވާ ކަމަށް އެ މީހާ ބުންޏެވެ.

"މި މީހުން، ނޭނގި ކޮންމެ ދުވަހަކު ދާނެ މަނަދޫއަށާއި، ކައިރީގައި ހުންނަ ރަށްތަކަށް ޑިންގީގައި. ގޮސް އައިސް ކަރަންޓީނު ވެސް ނުވެ އެ މީހުން އުޅެނީ. މިފަދަ ކަންކަމަކީ އަޅުގަނޑުމެންނަށާއި، އާންމުންގެ ރައްކާތެރިކަމަށް ހުރަސްއެޅޭ ކަންކަން. އެހާ ގިނަ ބަޔަކު ޕޮޒިޓިވްވެގެން އުޅޭއިރު ވެސް އެކަން އެޗްޕީއޭއަށް ނާންގާ ސިއްރުކޮށްފައި އޮންނަނީ،" އޭނާ ބުންޏެވެ.

އޭގެ އިތުރުން ވެސް އެ މީހާ ވަނީ ސޮނެވާ ޖާނީގައި ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅޭކަން ފާހަގަކޮށްފަ އެވެ. އޭނާ ބުނީ އޭގެ ތެރެއިން ގިނައީ ބަންގްލަދޭޝް މީހުން ކަމަށެވެ.

"ރާއްޖެއަށް މަސައްކަތް ކުރަން އަންނަ ބިދޭސީންނަށް ވަކި އުސޫލްތަކަކާއި ގަވާއިދުތަކެއް ސަރުކާރުން އެކުލަވާލާފައިވޭ. އެކަމަކު މި ރިސޯޓުގައި އުޅެނީ އެ އުސޫލްތަކާއި ހިލާފަށް ރާއްޖެ އައިސްގެން އުޅޭ ބައެއް. ސޮނެވާ ޖާނީގައި މަސައްކަތްކުރާ މުއައްޒަފުންގެ ތެރެއިން ބަންގްލަދޭޝްގެ އެތައް މުއައްޒަފެއް އެބަތިބި. އެކަމަކު އެ މީހުން އައިސް ހަމަ އެ އުޅެނީ ލިޔެކިއުންތައް ނުލައި ގަވާއިދާ ހިލާފަށް،" އެ މީހާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން އެ ރިސޯޓުގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ.

ގަވާއިދާ ހިލާފަށް ބަންގްލަދޭޝްގެ 50،000 އަށްވުރެ ގިނަ މީހުން ރާއްޖޭގައި ދިރިއުޅޭ ކަމަށްވެ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވެގެން އުޅޭ ބަންގްލަދޭޝް މީހުން ގަވާއިދަށް ފެއްތުމަށް އެ ގައުމުގެ ސަރުކާރާއި ރާއްޖެއާ ދެމެދު މަޝްވަރާތަކެއް ކުރަމުން ގެންދާއިރު، ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނަސީމް ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގައި އެފަދަ މީހުން އެތެރެވުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ދެ ގައުމުން ވަނީ މަޝްވަރާކޮށްފަ އެވެ.