ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނި، "އޫކްލާއިން" ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑު ދިރާގަށް ދީފި އެވެ.

އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރީޕޯޓްއިން ދައްކާގޮތުގައި ދިރާގުން ވަނީ އެންމެ ހަލުވި އަޕްލޯޑް އަދި ޑައުންލޯޑް ސްޕީޑް ހޯދައި ރާއްޖޭގެ މޮބައިލް މާކެޓް ލީޑަރުގެ މަގާމު ހޯދާފަ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް ޑިޖިޓަލް އަދި މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނީގެ ހައިސިއްޔަތުން ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓުތައް އަދި ސިނާއީ މަސައްކަތްކުރާ ހުރިހާ ހިސާބުތަކަކަށް 100 އިންސައްތައަށް 3ޖީ އަދި 4ޖީ މޮބައިލް ކަވަރޭޖް ފޯރުކޮށްދީފަ އެވެ.

"މި އެވޯޑްއަކީ ދިރާގުން ރައްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށް 'ޑިޖިޓަލް ރާއްޖެ' އަކަށް ތައްޔާރުވުމަށް ހިތްވަރުދީ ބާރުވެރިކުރުމަށް ކުރެވޭ ގައުމީ މަސައްކަތުގެ ހެއްކެއް،" ދިރާގުން ބުންޏެވެ.

އޫކްލާގެ ސީއީއޯ ޑަގް ސަޓްލްސް ވިދާޅުވިގޮތުގައި ސްޕީޑް ޓެސްޓު އެވޯޑްގެ ބައިވެރިންނަކީ ނެޓްވޯކް އޮޕަރޭޓަރުންގެ ތެރެއިން ހޮވާލެވޭ އެލީޓް ޑެލިގޭޝަންސްތަކެއް ކަމުގަ އާއި މި އެވޯޑް ލިބޭ ފަރާތްތަކަކީ އެ މާކެޓެއް ލީޑްކޮށް ނަގާ ކިޔޭވަރުގެ އިންޓަނެޓް ޚިދުމަތެއް ފޯރުކޮށްދެމުންދާ ފަރާތްތަކެކެވެ. އެގޮތުން ދިރާގުން ވަނީ 2021 ވަނަ އަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރުގައި ވަރުގަދަ ޕާފޯމަންސްއެއް ދައްކުވައިދީ އަދި ކަސްޓަމަރުން ހަދާފައިވާ ސްޕީޑް ޓެސްޓުތަކުގެ ނަތީޖާއިން ވެސް ލީޑް ނަގައިފަ އެވެ.

އޫކްލާ ފަދަ ބައިނަލްއަގުވާމީ މިނިވަން މުއައްސަސާއަކުން މި ޝަރަފުވެރި އެވޯޑް ލިބުމަކީ ދިރާގަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އަދި ދިރާގުގެ ކަސްޓަމަރުންނަށް ލިބުނު އިތުރު ހިތްހަމަޖެހުމެއް ކަމަށާއި، މިއީ ދިރާގުގެ ހީވާގި މުވައްޒިފުން ޚިދުމަތްތަށް އެއްމެމަތީފެންވަރުގައި ބެހެއްޓުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާކަން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢިލް ރަޝީދު ފާހަގަކޮށް ޝުކުރުދަންނަވައިފަ އެވެ. އަދި ކަސްޓަމަރުން ދިރާގަށް ކުރައްވާ އިތުބާރާ ދިރާގުގެ ޚިދުމަތްތަކަށް ދެއްވާ ތަރުހީބަށް ޝުކުރު ދެންނެވި އެވެ.

"ދިރާގަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް ޑިޖިޓަލް ޚިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޏެއް. އަދި ހަމަ އެހެންމެ، ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި މުޖުތަމަޢު ބާރުވެރިކުރުވާ، ޑިޖިޓަލް ފަރަގު ކުޑަ ކުރެވޭނެ ގޮތްތައް ހޯދައި ދެނެގަތުމަށް،" ދިރާގުން ބުންޏެވެ.