ދިވެހި ދައުލަތުގެ ދަރަނި 91.4 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ދައުލަތުގެ ދަރަނީގެ ގޮތުގައި އޮތް 91.4 ބިލިއަން ރުފިޔާގެ 50.29 އަކީ އެތެރޭގެ ދަރަންޏެވެ. އަދި ބާކީވާ 41.11 ބިލިއަން ރުފިޔާ ހިމެނެނީ ބޭރުގެ ދަރަނީގެ ގޮތުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ވެރިކަމުގެ ތިން އަހަރު ތެރޭގައި ދައުލަތުގެ ދަރަނި ވަނީ 43 ބިލިއަން ރުފިޔާއިން އިތުރުވެފަ އެވެ.

އެގޮތުން އެމަނިކުފާނު ވެރިކަމާއި ހަވާލުވި އިރު، ދައުލަތުގެ ދަރަނީގެ ގޮތުގައި ހުރީ 47.9 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި އެތެރޭގެ ދަރަނީގެ ގޮތުގައި އޭރު 27.6 ބިލިއަން ރުފިޔާ ހުއްޓެވެ. އަދި ބޭރުގެ ދަރަނީގެ ގޮތުގައި ހުރީ 20.3 ބިލިއަން ރުފިޔާ އެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މި ސަރުކާރުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، ދައުލަތުގެ ދަރަނި 98 ބިލިއަނަށް އަރާނެކަމަށް ލަފާކުރެވޭކަމަށެވެ. ދައުލަތުން ދައްކަންޖެހޭ ދަރަނި އިތުރުވި ނަމަވެސް، ދަރަނި ދެއްކުމުގެ ގާބިލިއްޔަތުކަން އެބަހުރިކަމަށް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފަ އެވެ.