ސަރުކާރުން ތައާރަފްކުރި އެންމެ ކުޑަ އުޖޫރައާއެކު ފެނަކަ ކޯޕަރޭޝަނުން އެންމެ ކުޑަ އުޖޫރަ މިދިޔަ ޖެނުއަރީ މަހުން ފެށިގެން މުވައްޒަފުންނަށް ދޭން ފަށައިފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ މިނިމަމް ވޭޖް ތަންފީޒު ކުރުމާއެކު އެކުންފުނީގައި 4،000 މުވައްޒަފުންގެ ތެރެއިން 3،346 މުވައްޒަފަކަށް މުސާރާގެ ކުރިއެރުން ލިބިފައިވާ ކަމަށެވެ. އެއީ އެކުންފުނީގެ މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 83 އިންސައްތަ މުވައްޒަފުން ކަމަށް ވެސް ފެނަކައިން ބުނެ އެވެ.

މިނިމަމް ވޭޖަށް އަމަލުކުރުމުގެ ކުރިން ފެނަކައިގެ ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ލިބެމުން ދިޔައީ 5،590ރ. އެވެ. ނަމަވެސް މިނިމަމް ވޭޖަށް އަމަލުކުރަން ފެށުމާއެކު، ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 9،222ރ. ވަނީ ލިބެން ފަށައިފަ އެވެ. އެއީ 3،600ރ. ގެ އިތުރުވުމެކެވެ.

މިނިވަން ވޭޖް އިއުލާން ކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ. މިނިމަމް ވޭޖާ އެއްގޮތަށް އަމަލުކުރަން ފަށަން ޖެހެނީ މި އަހަރުން ފެށިގެންނެވެ.

ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުން ވެސް މިނިމަމް ވޭޖަށް މި އަހަރުން ފެށިގެން އަމަލުކުރަން ޖެހެ އެވެ.

އެންމެ ބޮޑެތި ކުންފުނިތަކުން މިނިމަމް ވޭޖުގެ ގޮތުގައި 8،000ރ. މުވައްޒަފުންނަށް ދޭން ޖެހެ އެވެ. އަދި މެދުފަންތީގެ މުވައްޒަފުންނާއި ސިވިލް ސާވިސް މުވައްޒަފުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 7،000ރ. ވަނީ ކަނޑައަޅާފަ އެވެ. އަދި ކުދި ވިޔަފާރިތަކުން މިނިމަމް ވޭޖުގެ ގޮތުގައި 4،500ރ. މުވައްޒަފުންނަށް ދޭން ޖެހޭނެ އެވެ. ފެނަކަ ހިމެނެނީ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގަ އެވެ.

ފެނަކަ ކޯޕަރޭޝަންގައި ޖުމްލަ 150 ރަށެއްގެ އިންޖީނުގެ އަންނަނީ ހިންގަމުންނެވެ.