ހއ. އިން ފެށިގެން އައްޑުއާ ހަމަޔަށް ރާއްޖޭގެ އެކި އަތޮޅުތަކުގައި ޑޮމެސްޓިކް އެއާޕޯޓުތައް އަންނަނީ ފަތުރަމުންނެވެ. ބައެއް އަތޮޅުގައި ދެތިން އެއާޕޯޓު ވެސް ހަދަނީ އެވެ. އަދި ސަރުކާރުން ކުރިން ހެދި ބައެއް އެއާޕޯޓުތައް ނުހިންގަން ވެގެން އަމިއްލަ ކުންފުނިތަކާ ވެސް ހަވާލުކުރަނީ އެވެ. ނުވަތަ އަމިއްލަ ކުންފުނިތަކަށް އެކި ކަހަލަ "އޮފާތައް" ދީގެން ވެސް އެއާޕޯޓުތައް އަޅަނީ އެވެ.

ރާއްޖޭގައި 16 އެއާޕޯޓެއް ހިންގާއިރު މީގެ ތެރެއިން ފައިދާއެއް ލިބޭ ގޮތަށް ހިންގެނީ މަދު އެއާޕޯޓެކެވެ. އެހެންވެ މީގެ އަހަރުތަކެއް ކުރިން ސަރުކާރުން ސަރަހައްދީ ބައެއް އެއާޕޯޓުތައް ހިންގުން އަމިއްލަ ފަރާތްތަކާ ހަވާލުކުރަން ނިންމި އެވެ. އެއީ ވެސް ސަރުކާރަށް ގެއްލުންތައް ކުޑަކުރުމުގެ ބޭނުމުގަ އެވެ. އޭރު އެއާޕޯޓުތައް ހިންގަން ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދިނީ ރިސޯޓެއް ތަރައްގީކޮށްގެން ހިންގަން ރަށެއް ނުވަތަ ސިޓީ ހޮޓަލެއް ދޭ ގޮތަށެވެ.

ސުވާލަކީ އޭރު އެއާޕޯޓުތައް ތަރައްގީކުރުމަށާއި އެއާޕޯޓު ހިންގަން ހަވާލުކުރި ފަރާތްތަކަށް ދިން ރަށްތަކަށް ވީ ކިހިނެތް ހެއްޔެވެ؟ އޭރު އެއާޕޯޓު ހަދައިގެން ހިންގުމަށް ރަށްތައް ދިން ބައެއް ކުންފުނިތަކުން ރިސޯޓު ނުހެދިގެން ވިއްކާލީ އެވެ. އަދި ބައެއް ކުންފުނިތަކަށް ރިސޯޓު ހަދަން އިންވެސްޓަރަކު ނުލިބިގެން އަދިވެސް ކޮޅުކޮޅަށް ދުވަނީ އެވެ.

އެއާޕޯޓާއެކު ރިސޯޓެއް ހަދަން ރަށްތައް ދިން ބައެއް ކުންފުނިތަކުން އެއާޕޯޓާއެކު ރިސޯޓު ހަދައިގެން ވެސް ހިންގަމުން އެބަ ގެންދެ އެވެ. އެކަމަކު އެއާޕޯޓު ހިންގަނީ ބޮޑު ގެއްލުމުގަ އެވެ. ނަމަވެސް އެ ގެއްލުން ފޫބައްދަނީ ރިސޯޓު ހިންގައިގެން ނުވަތަ ރިސޯޓު ކުއްޔަށް ދީގެން ލިބޭ އަމްދަނީންނެވެ.

އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ރީޖަނަލް އެއާޕޯޓުތަކެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް ކުރިޔަށް އެބަގެންދެ އެވެ. އެ އެއާޕޯޓުތައް ތަރައްގީކުރަނީ ވެސް ރިސޯޓު ހަދަން ރަށެއް ދީގެންނެވެ. އެކަމަކު މިއީ މިހާރު މާ ކާމިޔާބު މޮޑެލްއެއް ކަމަށް ބެލެވޭކަށް ނެތެވެ.

"އެއާޕޯޓެއް ހަދަން ހަވާލުވާ ބަޔަކަށް ރަށެއް ދީގެން މިކަން ކުރުމަކީ މިހާރު ކާމިޔާބު މޮޑެލްއެއް ނޫން. އަދި ސަރުކާރުން ހަދާފައި އޮތް އެއާޕޯޓެއް ހިންގަން ހަވާލުވާ ކޮންމެ ބަޔަކަށް ރަށެއް ދިނުމަކީ ވެސް ހަމަޖެހޭ އުސޫލެއް ނޫން،" އެއާޕޯޓު ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ. "އެކަމަކު އޭރު އެކަން ކުރެވެން އޮތް ގޮތަކީ ރަށެއް ދީގެން ކަމަށްވާތީ އެގޮތަށް ސަރުކާރުން ރަށްތަކެއް ދޫކުރީ. އެކަމަކު އެ މޮޑެލް ގޯސް. އެކަން ބަދަލުވާން އެބަޖެހޭ"

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެއާޕޯޓާއެކު ރަށެއް ދިނުމުގެ ބަދަލުގައި އެއާޕޯޓު ހިންގާ ރަށަކުން އާމްދަނީ ލިބޭނެ ގޮތަކަށް އާ ވިޔަފާރިތައް ތައާރަފުކުރުމަކީ މިހާރު ކުރަން ޖެހޭ ކަމެކެވެ. މިސާލެއްގެ ގޮތުގައި އޭނާ ދެއްކީ ނ. މާފަރު އެއާޕޯޓާއި ގއ. ކޫއްޑޫ އެއާޕޯޓެވެ. އެ އެއާޕޯޓާއެކު ފަސް ތަރީގެ ފެންވަރުގެ ސިޓީ ހޮޓަލެއް ހިންގަ އެވެ.

"މިހާރު ރާއްޖޭގައި ކޮންމެހެން ރިސޯޓެއް ނުހެދިޔަސް އެއާޕޯޓާއެކު ޓޫރިސްޓު ހޮޓަލެއް ހިންގިދާނެ. އޭގެ އިތުރުން އެ އެއާޕޯޓުގައި ލައުންޖްތަކާއި ރެސްޓޯރަންޓާއި ގެސްޓް ހައުސްތައް ވެސް ތަރައްގީކޮށްގެން އާމްދަނީ ހޯދޭނެ،" ކުރިން ވާހަކަދެއްކި ތަޖުރިބާކާރު ވިދާޅުވި އެވެ.

މިހާރު ވެސް ހަތް އެއާޕޯޓު ހިންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވެސް ވިދާޅުވީ އެއާޕޯޓުތައް ހިންގާ މޮޑެލް ބަދަލުކޮށްގެން ލިބޭ އާމްދަނީ އިތުރުކުރެވިދާނެ ކަމަށެވެ. އަދި އޭނާގެ ވިސްނުން ހުރީ ވެސް އެ ދިމާލަށް ދަތުރުކުރާ ގޮތަށެވެ.

"އެއާޕޯޓުތަކުގެ ވިޔަފާރި މޮޑެލް ބަދަލުކޮށްގެން އާމްދަނީ އިތުރުކުރެވިދާނެ. އަޅުގަނޑުމެންގެ ކުންފުނިން މިދިޔަ އަހަރުގެ 22 މިލިއަން ރުފިޔާގެ އާމްދަނީއެއް ނެރުނު. އެއީ މީގެ ކުރިން ކުރެވުނު ކަމެއް ނޫން،" ރިޒްވީ ވިދާޅުވި އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ވިސްނުން ހުރީ އެއާޕޯޓުތަކުގައި އާ ވިޔަފާރިތައް ތައާރަފުކުރާ ގޮތަށެވެ. މިގޮތުން ގެސްޓް ހައުސް ހިންގުމާއި ރެސްޓޯރަންޓްތައް ހިންގުން އަދި ކާގޯ ވެސް ބެލެހެއްޓުމުގެ ވިސްނުން ވެސް އެ ކުންފުނިން ގެންގުޅެ އެވެ.

"އާ މޮޑެލްތައް ޖެހޭނީ ނެރެން. އެއީ މިހާރު މިކުރާ މަސައްކަތަކީ،" މޯލްޑިވިއަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ރިޒްވީގެ ވިސްނުން ހުރި ގޮތް ވަރަށް ކުރުކޮށް ވިދާޅުވި އެވެ.

ސަރަހައްދީ ގިނަ އެއާޕޯޓުތަކީ ސަލާމަތީ މިންގަނޑުތަކަށް ކިރިޔާ ފެތޭ މިންވަރަށް ތަންތަނެވެ. އޭގެ ތެރެއިން ބައެއް އެއާޕޯޓުތަކުގެ ޓާމިނަލްތަކަކީ ވެސް މި ޒަމާނަށް ފެތޭ ތަންތަނެއް ވެސް ނޫނެވެ. ދުވާލަކު އެތައް ޓޫރިސްޓުންނަށް ހިދުމަތް ދޭއިރު ލައުންޖު ސާވިސްއެއް ހުންނަނީ ވެސް މަދު އެއާޕޯޓެއްގަ އެވެ. ރަނގަޅު ފެންވަރުގެ ރެސްޓޯރަންޓެއް ވެސް ގިނަ އެއާޕޯޓުތަކުގައި ނުހުރެ އެވެ.

"އަޅުގަނޑު މި ކުންފުންޏާ ހަވާލުވި އިރު އެއާޕޯޓުތަކުގައި އެއްވެސް މިންގަނޑެއް ނެތް. އެއާޕޯޓެއް ގޮތަށް ހިންގޭ ފެންވަރު ހުރި ތަންތަނެއް ވެސް ނެތް،" ރިޒްވީ ވިދާޅުވި އެވެ. "އެކަމަކު މިހާރު ވިޔަފާރި މޮޑެލް ބަދަލުކޮށް ކަގޯ ވެސް ފަށައިފިން. ގެސްޓް ހައުސް އާއި ރެސްޓޯރަންޓް ވެސް ވެސް ހަދަން ފަށާފައި ވަނީ."

އޭނާ ވިދާޅުވީ ސަރަހައްދީ އެއާޕޯޓުތަކުން ފައިދާ ނެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަކަށް ހަރަދުތަކެއް ވެސް ހިނގާނެ ކަމަށް ރިޒްވީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ބަޖެޓް ލިބޭ މިންވަރަކުން އެއާޕޯޓުތަކުގެ ފެންވަރު ރަނގަޅުކުރަން މަޝްރޫއުތައް ހިންގާނަން. އެކަމަށް މިހާރު ވެސް މިގެންދަނީ ޕްލޭންތައް ހަދަމުން،" އޭނާ ވިދާޅުވި އެވެ.

ސަރަހައްދީ އެއާޕޯޓުތަކުން އާމްދަނީ އިތުރުކުރަން ބޭނުން ނަމަ ބޮޑެތި ހަރަދުތަކެއް ކުރަން ޖެހެ އެވެ. އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަކަށް އޮތީ ރަންވޭ ބޮޑުކުރުމެކެވެ. ސަރުކާރުން މީގެ ކުރިން ތަރައްގީކުރި ގިނަ އެއާޕޯޓުތަކުގެ ރަންވޭ އަކީ އޭރު ބޭނުންކުރި ޑޯނިއާ އަދި ޑޭޝް 8 މަރުކާގެ ބޯޓުތައް ޖެއްސޭ ފެންވަރަށް ހެދި އެއާޕޯޓުތަކެކެވެ. ނަމަވެސް ޒަމާން ބަދަލުވެ، ދަތުރުކުރާ މަތިންދާބޯޓުތަކުގެ ސައިޒު ބަދަލުވުމުން ގިނަ އެއާޕޯޓުތަކުގެ ރަންވޭ މަދުވެގެން 1،800 މީޓަރަށް ބޮޑުކުރަން ޖެހެ އެވެ. މި ފެންވަރަށް މިހާރު ހެދިފައި އޮތީ މަދު ރީޖަނަލް އެއާޕޯޓުތަކެކެވެ.

"މިހާރު އެބަ ޖެހޭ އެއާޕޯޓުތަކުގެ ރަންވޭ ބޮޑުކުރަން. އޭޓީއާރު 72، 600 ގެ ބޯޓު ޖައްސަން މަދުވެގެން 1،600 މީޓަރު އެބަ ބޭނުންވޭ. އެކަމަކު 1،800 މީޓަރަށް ބޮޑުކުރުމުން އެއާބަސް އޭ320 ބޯޓުތަައް ވެސް ޖެއްސޭނެ. އޭރަށް ވެލާނާ އެއާޕޯޓުގެ ލޯޑު ވެސް ކުޑަވެ، އެއާޕޯޓުތަކަށް ވެސް ފައިދާވާން ފަށާނެ،" އެއާޕޯޓު ހިންގުމުގެ ތަޖުރިބާކާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ވާހަކަދައްކާއިރު ސަރަހައްދީ އެއާޕޯޓުތައް ވެސް ލާމަރުކަޒީ ކުރަން ޖެހޭ ކަމަށެވެ. އޭރުން އެއާޕޯޓުތައް ހިންގާ ކުންފުނިތަކަށް އެކަށީގެންވާ ފައިދާއެއް ލިބެން ފަށާނެ ކަމަށް ވެސް އެ ތަޖުރިބާކާރު ދެކެވަޑައިގަންނަވަ އެވެ.

"އޭރަށް ސަރަހައްދީ އެއާޕޯޓުތަކަށް ޕްރައިވެޓް ޖެޓް ޖެއްސޭނެ. ޕާކިން ފީ ވެސް ލިބޭނެ. ޑިއުޓީ ފްރީ އާއި ލައުންޖްތައް ވެސް ހިންގޭނެ. އަދި ޓޫރިސްޓުންނަށް ސީދާ ބޭރުން އަންނަ ގޮތަށް އަވަހަށް ރިސޯޓުތަކަށް ވެސް ދެވޭނެ. އެ މީހުން ވެސް ކުރަން ޖެހޭ ހަރަދު އެތައް ގުނައެއް ކުޑަވާނެ،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.