އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ގަތަރުގެ މުއާސަލާތީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޚާލިދް ހަސަން އެމްއޭ އަލް-ހަމާދީ މިއަދު އައްޔަންކޮށްފަ އެވެ.

މުއާސަލާތީ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ގަތަރުގެ ރައްޔިތެއް ކަމަށްވާ ޚާލިދު ވަނީ އުރީދޫ މޯލްޑިވްސް ބޯޑު މެންބަރެއްގެ މަގާމާއި، އުރީދޫ ގަތަރުގެ ކޮންސިއުމާ ސޭލްސްގެ ސީނިއާ ޑައިރެކްޓަރު އަދި ޕްލޭނިން އެންޑް ޑިވެލޮޕްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރު ފަދަ އިސް މަގާމުތަކުގައި މަސައްކަތް ކޮށްފަ އެވެ.

މީގެ އިތުރުން، ތެލާއި ގޭސް ސިނާއަތުގައި 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާއިރު، އިޓަލީގެ ޖެނެރަލް އިލެކްޓްރިކް ފްލޮރެންސްގެ ހެޑް އޮފް ޕްލޭނިން އެންޑް ސްޓްރެޓެޖީގެ މަގާމުގައި މަސައްކަތްކޮށް، އެ ކުންފުނީގެ ސޭލްސް އެންޑް ސާވިސްގެ ރީއޯގަނައިޒޭޝަން އިނިޝިއޭޓިވްގެ ކަންތައްތައް ތަންފީޒުކުރުމުގައި ޚާލިދް ވަރަށް އިސް ރޯލެއް އަދާކޮށްފައިވެ އެވެ.

ޚާލިދްއަކީ މެނޭޖްމަންޓް، ކްރިއޭޓިވް އިނިޝިއޭޓިވްސް، ދެމެހެއްޓެނިވި ކުރިއެރުން، ޕްރޮސެސް ތަންފީޒުކުރުން، އަދި ތަފާސް ހިސާބުތައް ދިރާސާކުރުމުގެ ތަޖުރިބާ ލިބިފައިވާ ސަރޓިފައިޑް ކޮލިޓީ އޮޑިޓަރެއްގެ އިތުރުން ސަޓިފައިޑް ޓްރެއިނިން މެނޭޖަރެކެވެ.

ޚާލިދު ވަނީ ޔުނިވާސިޓީ އޮފް އެރިޒޯނާ އިން ބެޗެލާ އޮފް ސައިންސް އިން ސިސްޓަމް އިންޖިނިއަރިންގ ހާސިލުކޮށްފަ އެވެ.

"މި ފުރުސަތުގައި، ކުރީގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު، މިސްޓަ ނަޖީބް ޚާންއަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަމެވެ. ނަޖީބް ވަނީ ޑިޖިޓަލައިޒޭޝަން ގެ ދާއިރާގައި ދިވެހިރާއްޖެއާއި އުރީދޫ މޯލްޑިވްސް އަށް ގިނަ ގުނަ ކުރިއެރުންތަކެއް ހޯދާދީފަ އެވެ. މީގެ އިތުރުން ނަޖީބްގެ ހިންގުމުގެ ދަށުން ކުންފުނިން ވަނީ ތަފާތު ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ޑިޖިޓަލް ލައިފް ސްޓައިލް ކުރިއެރުވުމުގެ މަސައްކަތްތައް ކޮށްފަ އެވެ." އުރީދޫން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ ނަޖީބު ޚާންގެ ލީޑަޝިޕްގައި އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް "މޫލީ"، ޑިޖިޓަލް ފައިނޭންޝަން ސާވިސް "އެމް-ފައިސާ" އަދި އޮންލައިން ސްޓޯ "ކާތީ ސްޓޯ" މެދުވެރިކޮށް މުނިފޫހިފިލުމުގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތުތައް ފަހިކޮށްދީފައިވާ ކަމަށެވެ. މީގެ އިތުރުން، ނަޖީބްގެ ލީޑަޝިޕްގެ ދަށުން ކުންފުނިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި އާއި، ކޯޕަރޭޓްސް، ސަރުކާރު މުއައްސަސާތައް، އަދި ރިސޯޓް ބިޒްނަސްގެ ޕޯޓްފޯލިއޯ އިތުރަށް ވަރުގަދަކޮށްފައި ކަމަށް ވެސް އުރީދޫން ބުންޏެވެ.

މީގެ އިތުރުން ނަޖީބްގެ ހިންގުމުގެ ދަށުން އުރީދޫއިން ދިވެހިރާއްޖޭގައި އަލަށް ޑޭޓާ ސެންޓަރެއް ގާއިމުކޮށް، މިޑޭޓާ ސެންޓަރު މެދުވެރިކޮށް ބިޒްނަސް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކަނެކްޝަން އިތުރަށް ވަރުގަކޮށްދީ ސްޓޯރޭޖްއާއި ސެކިއުރިޓީ އަދި އައިޓީ ޚިދުމަތްތައް ދެވޭނެ މަގު ފަހިކޮށްދީފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"އުރީދޫގެ މެނޭޖިން ޑައިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އައްޔަންކުރުމާ ގުޅިގެން ޚާލިދުއަށް ކުންފުނީގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ. އަދި ޚާލިދުގެ ލީޑަރޝިޕްގެ ދަށުން ކުންފުނި އައު އުސް މިންތަކަށް ވާޞިލުވުމަށް އެހީތެރިވެދޭނެކަމާއި، އިޖާދީ އުފެއްދުންތަކާއި ޑިޖިޓަލައިޒޭޝަން މެދުވެރިކޮށް މުޖުތަމަޢުގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމަށް އެހީތެރިވެދޭނެކަން ޔަގީނެވެ." އުރީދޫން ބުންޏެވެ.