މަންޓާ އެއާގެ ހަތް ވަނަ ސީޕްލޭން އިއްޔެ ރާއްޖެ ގެނެސްފި އެވެ.

މީގެ ތިން އަހަރު ކުރިން ވައިގެ ދަތުރުތައް ފެށި މަންޓާ އެއާގެ ސީޕްލޭން ފްލީޓަށް އިތުރުކުރާ ހަތް ވަނަ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޖައްސާފައި ވަނީ އިއްޔެ ހަވީރު އެވެ. މި ބޯޓު ގެނެސްފައި ވަނީ ކެނެޑާ އިންނެވެ.

މަންޓާ އެއާ އިން މި ބޯޓު އޮޕަރޭޓް ކުރި ނަމަވެސް، މިއީ ހާއްސަ ބޯޓެކެވެ. މި ބޯޓު ހާއްސަކޮށްފައި ވަނީ ބ. އަތޮޅުގައި އޮންނަ ދަ ނޯޓިލަސް މޯލްޑިވްސްގެ ފަތުރުވެރިން އުފުލުމަށެވެ. އެގޮތުން، ބޯޓުގެ ބޭރުގައި ލާފައި ވަނީ ވެސް، މަންޓާ އެއާގެ ކުލަތަކުގެ ބަދަލުގައި ނޯޓިލަސްގެ ކުލަތަކެވެ. އަދި މަންޓާ އެއާގެ ނަމުގެ ބަދަލުގައި ނޯޓިލަސްގެ ނަން ވެސް ޖަހާފައި ހުރެ އެވެ.

މުޅި އެކު 10 ސީޕްލޭން ގެންނަން ނިންމާފައިވާ މަންޓާ އެއާ އިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސީޕްލޭންގެ ހިދުމަތް އިފްތިތާހުކޮށްފަ އެވެ. މަންޓާ އެއާ އިން ސީޕްލޭން ދަތުރު ފެށީ ފްލައިޓް ޝެޑިއުލް ދުރާލާ އާންމުކޮށް، ފަސިންޖަރުންނަށް ސީޓް ބުކް ކުރެވޭނެ ގޮތަށެވެ.

ފަސިންޖަރުންނާ ގާތް ގުޅުމެއް ބާއްވައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދެމުން އަންނަ މަންޓާ އެއާ އިން އެތެރޭގެ ވައިގެ ދަތުރުގެ ހިދުމަތް ދެނީ ދ. ކުޑަހުވަދޫ އަށާއި ބ. ދަރަވަންދޫ އަދި ދއ. ކޫއްޑޫ އަށެވެ. އެހެން ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ހުރިހާ މަންޒިލްތަކަށް ކުރާ ޝެޑިއުލް ދަތުރުތައް މެދުކަނޑާލާފައި އޮތުމަށް ފަހު، މިދިޔަ މަހުގެ ތެރޭގައި ވަނީ ކުޑަހުވަދޫ އަށް ޝެޑިއުލް ދަތުރުތައް އަލުން ފަށާފަ އެވެ.