ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ނުނިމި ހުރި މަގުތަކުގެ މަސައްކަތް ނިންމަން އެޗްޑީސީން އިންޑިއަން އެގްޒިމް ބޭންކުން ނަގާ ނަގާ ލޯނަކަށް ސަރުކާރުން ސޮވަރިން ގެރެންޓީ ދީފި އެވެ.

އެޗްޑީސީން ނަގާ 19.2 މިލިއަން ޑޮލަރުގެ ލޯނަކަށް ސޮވަރިން ގެރެންޓީ ފިނޭންސް މިނިސްޓްރީން ދިނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. މިއީ މިއަހަރުގެ ތެރޭގައި މި ސަރުކާރުން ދިން ދެވަނަ ސޮވަރިން ގެރެންޓީ އެވެ.

މި މަސައްކަތް ހަވާލުކުރީ ކޮން ބަޔަކާ ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.

ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމަށް، އެޗްޑީސީ އިން މީގެ ކުރިން ވެސް ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 34.3 މިލިއަން ޑޮލަރު (528 މިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިފަ އެވެ. އެ ލޯނަށް ވެސް ސަރުކާރުން ސޮވަރިން ގެރެންޓީދީފައިވެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަސައްކަތްކުރަނީ. މި މަސައްކަތަށް ލޯނު ނެގީ އިންޑިއަން އެގްޒިމް ބޭންކުން. ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަޝްރޫއު އެޗްޑީސީން އޭރު ހަވާލުކުރީ އަމިއްލަ ދެ ކުންފުންޏެއް ކަމަށްވާ މޯހަން މުތާ އެކްސްޕޯޓްސް އަދި އަޝޯކާ ބިލްޑްކޮން ލިމިޓެޑާ އެވެ. ދޮޅު އަހަރުން ނިންމަން ހަވާލުކުރި މަޝްރޫއުގައި ޕޭވްމަންޓުތައް ހަދައި މަގުބައްތި ޖެހުމުގެ އިތުރަށް، ޓްރެފިކް ނިޝާންތައް ކުރެހުން ފަދަ ކަންކަން ވެސް ހިމެނޭ އިރު، އެ މަޝްރޫއުގެ ޖުމްލަ އަގަކީ 40.3 މިލިއަން ޑޮލަރު (620 މިލިއަން ރުފިޔާ) އެވެ.

އެ މަޝްރޫއުގެ ދަށުން 14.2 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދާފައިވެ އެވެ. އެ މަސައްކަތް ނިންމީ 2018 ވަނަ އަހަރުގެ ކުރީކޮޅު އެވެ.