އުރީދޫއިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ބްރޭންޑް އެމްބެސެޑަރުކަން ތިން ވަނަ އަހަރަށް މިއަދު އާކޮށްފި އެވެ.

އުރީދޫން ބުނިގޮތުގައި މި ޕާޓްނަޝިޕްގެ ދަށުން އުރީދޫ އާއި މާޒިޔާ ގުޅިގެން ރާއްޖޭގެ ހުރިހާ މުޖުތަމައެއްގައި ފުޓުބޯޅަ ކުރިއެރުވުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ހުނަރު ބިނާކުރުމާއި އަދި ފުޓުބޯޅައިގެ ފޯރި ދިރުވައި އާލާކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވެ އެވެ.

1996 ވަނަ އަހަރު އުފެދުނު މާޒިޔާ އިން ވަނީ ފާއިތުވި އަހަރުތަކުގައި ފާހަގަކުރެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އޭގެ ތެރޭގައި ދިވެހި ޕްރިމިއާ ލީގު (2016) , (2019-2020) އަދި (2020-2021) ގެ ސީޒަން ކާމިޔާބުކުރުން ހިމެނެއެވެ. މީގެ އިތުރުން 2015 ވަނަ އަހަރު ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ އިވެންޓް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެސް އެ ކްލަބުން ވަނީ ހޯދާފަ އެވެ.

2015 ވަނަ އަހަރު އެ ކްލަބުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކޮށް ބިނާކުރުމަށް ތަޖުރިބާކާރު ޓްރެއިނަރުން ހިމެނޭ ގޮތަށް ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ކަމަށްވާ މާޒިޔާ ސްޕޯޓްސް ފުޓްބޯލް އެކަޑަމީ އިފްތިތާހުކޮށްފަ އެވެ.

އުރީދޫ އާއެކު ކުރިއަށްގެންދާ މި ޕާޓްނަޝިޕްގެ ދަށުން، ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށާއި ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވުމަށް އެދޭ ޒުވާނުންނަށް އާ ފުރުސަތުތަކެއް ހޯދައިދިނުމަށް، މާޒިޔާގެ ފުޓްބޯލް އެކަޑަމީ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުރީދޫން ބުންޏެވެ.

"ކުޅިވަރުގައި ބައިވެރިވުމަކީ އިތުބާރު ބޮޑުވެ، ދިރިއުޅުމުގައި ފޯކަސްއެއް ގާއިމްކުރެވި، ކުރާ ކޮންމެ ކަމެއްގައި ވެސް ރަނގަޅު އަހުލާގީ މިންގަނޑުތަކެއް ހިފެހެއްޓުމަށް ލިބޭ ވަރަށް ބޮޑު ބާރެއް. ފެށުނީއްސުރެ ވެސް ފުޓްބޯޅައަކީ ދިވެހިންގެ އިތުރުން އުރީދޫއާ ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކުޅިވަރެއް. އެހެންކަމުން މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއެކު މިއޮތް ޕާޓްނަރޝިޕްގެ ތެރެއިން، ޒުވާން ފުޓްބޯޅަ ކުޅުންތެރިންގެ ކާމިޔާބީއަށް މަގުފަހިވާނެ ގޮތަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް ވިދާޅުވި އެވެ.

"އުރީދޫ މޯލްޑިވްސް އިން އަނެއްކާވެސް މި ކްލަބުގެ މެއިން ސްޕޮންސަރ އެއްގޮތުގައި ދެމި ތިބުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. މި ޕާޓްނަރޝިޕް އާއި އެކު މުޖުތަމައުތަކަށް މަންފާކުރަނިވި މަސައްކަތްތަކެއް އުރީދޫ މޯލްޑިވްސްއާއި އެކު ކުރިއަަށްގެންދިއުމަށް ވަނީ ރޭވިފައި،" މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ޗެއާމަން އަހުމަދު ސާޖިދު ވިދާޅުވި އެވެ.

ފެށުނީއސުރެވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ކުޅުންތެރިންނަށް ޕްރޮފެޝަނަލް ކުޅުންތެރިންގެ އިތުރުން ޒުވާނުންގެ އެންގޭޖްމަންޓް ޕްރޮގްރާމްތަކުގެ ހުނަރު ބިނާކުރުމަށް މަގުފަހިކޮށްދިނުމުގައި އުރީދޫ އިން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ.

ރާއްޖޭގައި ހޯސްޓްކުރި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމީ ފުޓްބޯޅަ ޓީމުތައް ވާދަކުރާ އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ އެޑިޝަންގެ ފަޚުރުވެރި ޓައިޓަލް ސްޕޮންސަރަކީވެސް އުރީދޫ މޯލްޑިވްސް އެވެ. ޓައިޓަލް ސްޕޮންސަރުގެ ހައިސިއްޔަތުން އުރީދޫއިން ވަނީ 2021 ވަނަ އަހަރުގެ އެންމެ ކުލަގަދަ އަދި އެންމެ ފޯރިގަދަ މި އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ، އިތުރަށް ފޯރިގަދަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ.

ދިވެހިންގެ ކުރިއެރުމަށް މަސައްކަތްކޮށް އާ ފުރުސަތުތައް ފަހިކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސްއިން އަރުވަ އެވެ.