ސްރީލަންކާއަށް މަހުގެ ބާވަތްތައް އެކްސްޕޯޓްކުރުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ ޑިޕާޓްމަންޓް އޮފް ފިޝަރީޒް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19އާ ގުޅިގެން ލަންކާގެ މަހުގެ ބާވަތްތައް މާކެޓްކުރުމުގެ ނިޒާމް ހުއްޓި އަދި މަސްވެރިން ބާނާ މިވަގުތު ލިބެނީ މަސް ބަނދަރުތަކުންނާއި މަސްވެރިން ލަފާ ސަރަހައްދުގެ އަތިރިމަތިން ކަމަށެވެ. އަދި ތާޒާ މަސް ރައްކާކޮށް ބެލެހެއްޓޭނެ ނިޒާމެއް ނެތުމުން ގިނަ އަދަދެއްގެ މަސް ކައްކައި ހިއްކަމުން ގެންދާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"އެއާއެކު އަމިއްލަ ހިކި މަސް ލިބެން އެބަހުރި. މި ދަނޑިވަޅުގައި ހިކި މަސް އިމްޕޯޓްކޮށްފި ނަމަ އޭގެ ސަބަބުން ހިކި މަސް ވިއްކާ ފަރާތްތަކަށާއި މަސްވެރިންނަށް ނޭދެވޭ އަސަރުކުރާނެ،" ފިޝަރީޒް ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މިވަގުތުގެ ހާލަތަށް ބަލައި މަހުގެ އެއްވެސް ބާވަތެއް އިމްޕޯޓްކުރުމުގެ ހުއްދަ ނުދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ހުއްދަ އަލުން ދޭނެ ދުވަހެއް އެ ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ބުނެފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން މަހުގެ ވިޔަފާރިކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މަހުގެ ވިޔަފާރިކުރާ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ރުކުމާ އަހުމަދު އަބްދުލް ކަރީމް ޓުވިޓާގައި ބުނެފައި ވަނީ ސިލޯނު ސަރުކާރުން ދިވެހި ރާއްޖޭގެ ރައްޔިތުންނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

ލަންކާއިން އެ ފިޔަވަޅު އެޅިއިރު ދިވެހި ސަރުކާރުން ބުނެފައި ވަނީ ރާއްޖޭގެ މަސް އެތެރެކުރުން ހުއްޓުވި ކަމެއް އެނގިފައި ނުވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ބުނީ ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާކަމަށް މީޑިއާތަކުގައި ފެތުރިފައިވާ ޚަބަރުތަކާ ގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރާ މިހާތަނަށް ހިއްސާކޮށްފައިނުވާ ކަމަށެވެ.

"މިކަމާ ގުޅޭ އިތުރު މައުލޫމާތު ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތައް މެދުވެރިކޮށް ހޯދުމަށް މިދަނީ މަސައްކަތް ކުރަމުންނެވެ. ދިވެހިރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް އެއްވެސް ހުރަހެއް ނެތި ސްރީލަންކާއަށް އެތެރެކުރެވޭނެކަމުގެ ޔަޤީންކަން ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ވަނީ ދެއްވާފަ އެވެ." ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ރާއްޖޭގެ ހިކިކަނޑުމަހުގެ އެންމެ ބޮޑު މާކެޓް، ސްރީލަންކާއިން ދާދިފަހުން ވަނީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެކްސް ވެސް ބޮޑުކޮށްފަ އެވެ.