ކ. ތުލުސްދޫ ގެސްޓުހައުސްތައް އަލުން ހުޅުވަން ފެށުމުން. ޓޫރިސްޓުންގެ ފުރަތަމަ ގުރޫޕް މިއަދު އެ ރަށަށް ހިނގައްޖެ އެވެ.

އެ ރަށަށް ޓޫރިސްޓުން އަންނަން ފެށުން ފާހަގަކުރަން ބޭއްވި ހަފްލާގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންނެވި އެވެ. މިނިސްޓަރު މައުސޫމް ވަނީ ތުލުސްދޫއަށް އަލުން ޓޫރިސްޓުން އަންނަން ފެށުމުން އެކަމަށް މަރުޙަބާ ވިދާޅުވެފަ އެވެ.

ގިނަ އަދަދެއްގެ ގެސްޓްހައުސް ހިންގާ ތުލުސްދޫގެ ހަތަރު ގެސްޓުހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފަ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ 69 ގެސްޓުހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ އެ މިނިސްޓްރީން މީހަތަނަށް ދީފައިވެ އެވެ. މިއީ ގާތްގަނޑަކަށް 1،506 އެނދެވެ.

ރާއްޖޭގެ ކޯވިޑް-19ގެ ހާލަތަށް ބަލާ، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކުރީ މިދިޔަ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ. އޭގެ 212 ދުވަސްފަހުން އަލުން ގެސްޓް ހައުސްތައް ހުޅުވާލުމުގެ ހުއްދަ ސަރުކާރުން ދޭން ފަށާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެނެވެ.