މިދިޔަ މަހު ރާއްޖެއަށް 130،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހު ރާއްޖެއަށް ޒިތާރަތްކޮށްފައިވަނީ 131،764 ފަތުރުވެރިންނެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅައި ބަލާއިރު 30 ޕަސަންޓުގެ އިތުރުވުމެކެވެ.

އަދި މި ހިނގާ ފެބްރުއަރީ މަހުގެ ފުރަތަމަ ދެ ދުވަހު 7،791 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 139،555އަށް އަރާފަ އެވެ.

ޖެނުއަރީ މަހު އެވަރެޖުކޮށް ކޮންމެ ދުވަހަކު 4،250 ފަތުރުވެރިން އައިސްފައިވެ އެވެ. އެމަހު ރާއްޖެ އައި ގިނަ ފަތުރުވެރިން ވަނީ ހަތް ދުވަހާއި އަށް ދުވަހުގެ މުއްދަތެއް ރާއްޖޭގައި މަޑުކޮށްފަ އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާ އެވެ. އެ މާކެޓުން މިއަހަރު މިހާތަނަށް 24،4664 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ. އެގައުމުން ރާއްޖެއަށް 14،276 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 1،143 ތަނަކަށް ޓޫރިޒަމް މިނިސްޓްރީން ހުއްދަދީފައިވާއިރު އޭގެތެރެއިން މިހާރު ފަތުރުވެރިންނަށް ހިދުމަތްދެމުންދަނީ 941 ތަނަކުންނެވެ.

އެއީ 162 ރިސޯޓާއި، 633 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 146 ސަފާރީއެވެ. އެތަންތަނުގައި ޖުމްލަ 53،942 ޓޫރިސްޓް އެނދު ހުރިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް ވަނީ 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.

މި އަހަރުގެ ބަޖެޓުގައި ވަނީ ރާއްޖެއަށް 1.6 ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކޮށްފަ އެވެ.