ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.

ބީއެމްއެލްއިން ބުނިގޮތުގައި އެ ބޭންކުގެ އިސްލާމިކް ބޭންކިންގެ ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ޙަސަން ކަލާމް އެވެ.

ހަސަން ކަލާމަކީ ބޭންކިން އަދި ފައިނޭންސް ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާހުރި ބޭފުޅެކެވެ. އެގޮތުން ބީއެމްއެލްއިން ބުނީ އެ ބޭންކުގެ އިސްލާމިކްގެ ކާމިޔާބީގައި ހިއްސާވުމުގައި ކަލާމް ވަނީ އިސް ދައުރެއް އަދާކުރައްވައިފައިކަމަށެވެ.

މި މަގާމަށް ކަލާމް އައްޔަންކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " ޑައިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގެ ގޮތުގައި ކަލާމް ބޭންކުގެ އެގްޒެކްޓިވް ޓީމާ ގުޅިވަޑައިގެންނެވުމުން މަރުހަބާ ދަންނަވަން. ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށް އިސްލާމިކް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކުރާއިރު، އިސްލާމިކް ބޭންކިންގ އާ ގުޅޭ ގޮތުން ކަލާމަށް ލިބިލައްވާފައިވާ ތަޖުރިބާގެ އަލީގައި ކަސްޓަމަރުން ބޭނުންވާފަދަ ރަނގަޅު ބަދަލުތަކެއް ގެނެސްދެއްވާނެކަމާމެދު އަޅުގަނޑަށް ފުރިހަމަ އިތުރުބާރު އެބައޮތް. މި އައު މަގާމާއި ކުރިމަތިލާއިރު ކަލާމް އަށް ކާމިޔާބަށް އެދެން" ކަމަށެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާ ދެމުންދާ އެއް ކުންފުނިވެސްމެ އެވެ. ބޭންކުގެ %99 މުވައްޒަފުންނަކީ ފަހްރުވެރި ދިވެހިންނެވެ. ބޭންކުން ދަނީ ވަޒީފާ ދިނުމާއި ތަމްރީނުކުރުމާއި އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި އަމަލުކުރަމުންނެވެ.