ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގެ މީހުންނަށް ވިއްކާ 60 ބިމުގެ ތެރެއިން އަތިރިމައްޗާ ކުރިމަތިވާ ގޮތަށް ވިއްކާ 26 ބިމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މާދަމާ އޮންނާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ލިބޭނީ މިދިޔަ މަހުގެ 31 ގެ ނިޔަލަށް ވިއްކި ބީލަން ފޯމު ގަތް މީހުންނަށެވެ. އެކަމަކު، އެ ފޯމު ގަތް މީހުންގެ އަދަދެއް އެޗްޑީސީން އަދި ހާމައެއް ނުކުރެވެ އެވެ.

އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ދެވަނަ ފިޔަވަހީގެ އަތިރިމައްޗާ ކައިރިން ބިން ގަންނަ މީހުންގެ ބީލަން ފޯމު ބަލައިގަންނާނީ މާދަމާގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ކަމަށެވެ. ބީޗް ފްރަންޓުން ވިއްކާނީ 26 ގޯއްޗެވެ.

ބާކީ 34 ގޯތި ވިއްކާނީ އަތިރިމައްޗާ ކައިރިން ކަމަށް ވާއިރު، އެ ގޯތިތަކުގެ ބީލަން ހުޅުވާލާނެ ތާރީހެއް އެޗްޑީސީއަކުން އަދި ނުބުނެ އެވެ.

ބީޗް ފްރަންޓުން ވިއްކާ 26 ގޯތީގެ ބީލަން ހުޅުވުން އޮންނާނީ މާދަމާގެ މެންދުރު 1:00 ގަ އެވެ. ބީލަން ފޯމު ބަލައިގަތުމާއި ބީލަން ހުޅުވުން ވެސް އޮންނާނީ ހ. މީރުމާގެ ފަސް ވަނަ ބުރީގަ އެވެ.

އެޗްޑީސީން ބުނީ ކޮންމެ ބީލަން ފޯމަކާއެކު، ބީލަން ހުށަހެޅުމުގައި ބައިވެރިވެވޭނީ އެންމެ މީހަކަށް ކަމަށެވެ. އަދި އެތަނަށް ހާޒިރުވާ މީހުން އެޗްޕީއޭ އިން ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަަމާލުވުމަށް އެދެ އެވެ.

ބީލަން ފޯމު ހުށަހަޅަން ހާޒިރުވާ މީހުންގެ ކުރިމަތީގައި ބީލަން ހުޅުވުމަށް ފަހު، އަކަފޫޓަކަށް ބީލަން ފޯމުގައި ހުށަހަޅާފައިވާ އަގު އިއުލާނުކުރާ ގޮތަށް ހަމަޖެހިފައިވާއިރު ބިޑް ސެކިއުރިޓީއަކީ 320،000ރ. އެވެ.

ދެވަނަ ފިޔަވަހިން 60 ބިން ވިއްކުމަށް އެޗްޑީސީން ފުރަތަމަ ހުޅުވައިލިއިރު، އޮތީ އެންމެންނަށް އެ ކަމަށް ފުރުސަތު ލިބޭ ގޮތަށް ކަމަށް ވިޔަސް ފަހުން ނިންމީ މާލޭގައި ރަޖިސްޓަރީ ވެފައިވާ މީހުންނަށް އެކަނި އެ ބިންތައް ހާއްސަ ކުރުމަށެވެ. އެހެންވެ، އެއީ ނަސްލީ ތަފާތުކުރުން ކަމަށް ބުނެ އެތައް ބައެއްގެ ނުރުހުން އެޗްޑީސީ އަށް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް އެ ނިންމުން އެ ކުންފުނިން ބަދަލެއް ނުކުރެ އެވެ.