ހުޅުމާލޭގެ ބިމުގެ އަގު އުފުލި، މިފަހަރު ބީލަމަށް ހުޅުވާލި ބިންތަކުގެ ތެރެއިން ބީލަން ކާމިޔާބުވި އެންމެ ދަށް އަގެއްގެ ގޮތުގައި 6،759.11ރ. ހަމަޖެހިއްޖެ އެވެ.

މިއީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ބިން ވިއްކަން ފެށި ފަހުން އެންމެ ދަށް އަގު މިހާ މައްޗަށް އެރި ފުރަތަމަ ފަހަރެވެ. ހުޅުމާލޭގައި އަލަށް ހިއްކި ދެވަނަ ފިޔަވަހިން އެންމެ ފަހުން ގޯތި ވިއްކާފައި ވަނީ 2017 ވަނަ އަހަރު އެވެ. އޭރު ވެސް ބިންތައް ވިއްކީ ބީލަމުގެ އުސޫލުން އެންމެ މަތީ އަގު ހުށަހަޅި މީހުންނަށެވެ. އެ ފަހަރު ބީލަން ކާމިޔާބުވި އެންމެ ދަށް އަގަކީ 3،000ރ. އެވެ.

އެޗްޑީސީން ހުޅުމާލެ ފޭސް 2 އިން ވިއްކަން އިއުލާންކުރި 26 ބިމަށް މިފަހަރު އެންމެ މަތީ އަގެއްގެ ގޮތުގައި ހުށަހެޅީ އަކަފޫޓަކަށް ދިހަ މިލިއަން ރުފިޔާ އެވެ. ނަމަވެސް ދެވަނަ އަށް އެންމެ މަތިން ބީލަން ކާމިޔާބު ކުރި އައިޝަތު ޒައިނާ ނާޒިމް ހުށަހެޅީ 10،220ރ. އެވެ.

އެންމެ ބޮޑު އަގު އަކަފޫޓެއްގެ ނިސްބަތުން ހުށަހެޅި 26 މީހުން

  1. އިބްރާހިމް މާޖިދު - 10،000،000ރ.
  2. އައިޝަތު ޒައިނާ ނާޒިމް - 10،220ރ.
  3. މަރިޔަމް ޒައްފަ ނާޒިމް - 10،220ރ.
  4. ހައްވާ ޒާހިރާ - 9،112.99ރ.
  5. ފާތިމަތު އިޝާ މުހައްމަދު - 9،105.99ރ.
  6. ޒީނިޔާ އަބްދުލްބާރީ - 8،227.86ރ.
  7. ހަނާން ހަސަން - 8،227،86ރ.
  8. އަހްމަދު ހަލީމް - 8،188.88ރ.
  9. އާމިރު މަންސޫރު - 7،711.99ރ.
  10. މޫސާ އިބްރާހިމް ދީދީ - 7،615ރ.
  11. މުހައްމަދު އަނިލް ނަދީމް - 7،555.99ރ.
  12. އަހްމަދު ޝަމްހީދު - 7،551ރ.
  13. މުހައްމަދު ހައިކަލް އައްބާސް - 7،509ރ.
  14. އާސިމާ އަލީ - 7،311.45ރ.
  15. މުހައްމަދު މުންޝިތު އިބްރާހިމް - 7،275.69ރ.
  16. އިމްރާން ޒާހިރު - 7،170ރ.
  17. އައްބާސް މުހައްމަދު - 7،157.79ރ.
  18. ފާތިމަތު ނަސީމާ - 7،111ރ.
  19. އިބްރާހިމް އާސިމް - 7،081ރ.
  20. މަރިޔަމް ޝިފާ - 7،080ރ.
  21. ފާތިމަތު ޒާހިދާ - 7،000ރ.
  22. މަރިޔަމް އަޒްހާ އިބްރާހިމް - 6،900ރ.
  23. އަނާރާ ނައީމް - 6،802ރ.
  24. ޔަމާމާ ނަޝީދު - 6،799ރ.
  25. މާޖިދާ އިބްރާހިމް - 6،790ރ.
  26. އިބްރާހިމް މުއާވިން - 6،759.11ރ.

މި ބިންތައް ވިއްކަން ހަމަޖެހިފައިވަނީ އެންމެ ބޮޑު އަގު ހުށަހަޅާ 26 ފަރާތަކަށެވެ. ދެން އެންމެ މަތިން އަގު ހުށަހަޅާ ފަސް މީހަކު ވެއިޓް ލިސްޓު ކުރެވޭނެ އެވެ.

މި ބީލަމާ ގުޅިގެން އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ބުނާ ގޮތުން އެންމެ ބޮޑު އަގު ހުށަހަޅާ މީހުންނަށް އެ މީހަކު ބޭނުން ބިމެއް ހިޔާރުކުރަން، ހުށަހެޅި އަގުގެ ތަރުތީބުން ފުރުސަތު ލިބޭނެ އެވެ. އެތަނަށް ފައިސާ ދައްކަން އިތުރު 60 ދުވަހުގެ މުއްދަތެއް ލިބެ އެވެ.

މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފި ނަމަ ވެއިޓްލިސްޓު ކުރެވިފައިވާ މީހަކަށް ބިން ގަންނަން ފުރުސަތު ދޭނެ އެވެ.

ހުޅުމާލެއިން މިފަހަރު ވިއްކަން ހުޅުވާލި 26 ބިން ވިއްކައިގެން އާމްދަނީގެ ގޮތުގައި 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ.

އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް 60 ގޯތި ވިއްކުމަށް ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް ހުޅުވާލީ، 1،603.07 އަކަފޫޓާއި، 2،633.82 އަކަފޫޓާ ދެމެދުގެ ބިންތަކެވެ. މީގެ ތެރޭގައި ހިމެނެނީ އަތިރިމައްޗާ ކުރިމަތިވާ ގޮތަށް 26 ގޯއްޗާއި، އަތިރިމައްޗާ ކައިރިން 34 ގޯއްޗެވެ.

ބީލަމަށް އެންމެ ފުރަތަމަ ހުޅުވާލީ މީގެ ތެރެއިން މޫދާއި ކައިިރިން އަތިރިމަތިން ވިއްކާ 26 ގޯއްޗެވެ. 211 މީހަކު 26 ގޯއްޗަށް ބީލަން ހުށަހެޅިއިރު، ގޯތިތައް ވިއްކާފައިވަނީ އެންމެ ބޮޑު އަގު ހުށަހެޅި ފަރާތްތަކަށެވެ.