އެއްފަހަރު ފައިސާ ދައްކައިގެން މުޅި އަހަރުތެރޭގައި ބޭނުން ދުވަހަކު ޗުއްޓީ ހޭދަކޮށްލެވޭ ޕެކޭޖެއް އަނަންތަރާ ވެލި މޯލްޑިވްސް ރިސޯޓުން ތައާރަފްކޮށްފި އެވެ.

މާލެ ކައިރީގައި އޮންނަ މަތީ ފެންވަރުގެ އެ ރިސޯޓުން މި މަސް ނިމުމުގެ ކުރިން ބުކިން ހަދަން ޖެހޭ މި ޕެކޭޖު ވިއްކަނީ 30،000 ޑޮލަރަށެވެ. އެއީ، ދެ މީހުން އެއް މޫދު ކޮޓަރީގައި ތިބޭ ގޮތަށެވެ. މިއީ މުޅި އަހަރަށް ބަހާލުމުން ރެއަކަށް 82 ޑޮލަރެވެ.

މި ޕެކޭޖުގެ ދަށުން ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި:

  • ދެ މީހުންނަށް ކޮންމެ ދުވަހަކު ހެނދުނު ސައި
  • މާލެ އާއި ރިސޯޓާ ދެމެދު ބޭނުން ވަރަކަށް ހިލޭ ދަތުރުކުރެވުން
  • ކެއުމާއި ސްޕާ ހިދުމަތްތަކުން 25 އިންސައްތައިގެ ޑިސްކައުންޓް

މި ޕެކޭޖު ނަގާ ފަރާތްތަކަށް އަންނަ ޖެނުއަރީ 1 އިން ފެށިގެން ޑިސެމްބަރު 23 ގެ ނިޔަލަށް ބޭނުން ކޮންމެ ދުވަހަކު ރިސޯޓުގައި ޗުއްޓީ ހޭދަކުރެވޭނެ އެވެ.

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވައި ރިސޯޓްތައް ހުޅުވަމުން އަންނައިރު، ގިނަ ރިސޯޓްތަކުން އަންނަނީ މިފަދަ ތަފާތު ޕެކޭޖުތައް ތައާރަފްކުރަމުންނެވެ. އޭގެ ތެރޭގައި، ޗުއްޓީ ހޭދަކުރަމުން މަސައްކަތްކުރުމަށް ހާއްސަ ޕެކޭޖުތަކާއި މުޅި ރިސޯޓް އެއްކޮށް ބުކްކޮށްގެން ޗުއްޓީ ހޭދަކުރެވޭ ޕެކޭޖުތައް ހިމެނެ އެވެ.

އަނަންތަރާ ވެލި ރިސޯޓަކީ ހަމައެކަނި ބޮޑެތި މީހުންނަށް ހާއްސަ ރިސޯޓެކެވެ.

ތައިލެންޑުގެ މައިނާ ހޮޓަލްސްގެ އަނަންތަރާ ބްރޭންޑުގެ ދަށުން ކ. އަތޮޅުގައި ތިން ރިސޯޓް ހިންގަ އެވެ. އެއީ، އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓްގެ ނަމުގައި ކ. ދިގުފިނޮޅުގައި ހިންގާ ރިސޯޓް، އަނަންތަރާ ވެލި މޯލްޑިވްސް ރިސޯޓްގެ ނަމުގައި ކ ވެލިގަނޑުހުރާގައި ރިސޯޓް އަދި ނަލަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑުގެ ނަމުގައި ކ. ކުޑަހުރާގައި ހިންގާ ރިސޯޓެވެ.

މީގެ އިތުރުން، މައިނާ ހޮޓަލްސް އިން، ބ. އަތޮޅުގައި އޮންނަ އަނަންތަރާ ކިހާވަށް މޯލްޑިވްސް ވިލާސް އަދި ދ. އަތޮޅުގައި އޮންނަ ނިޔާމަ ޕްރައިވެޓް އައިލެންޑްސް މޯލްޑިވްސް ރިސޯޓް ވެސް ހިންގަ އެވެ. --އެމްބީއެސް