މޯލްޑިވިއަން އާއި އެމިރޭޓްސް އިން ގުޅިގެން ބައެއް ހިދުމަތްތައް ދިނުމާ ބެހޭ ގޮތުން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މޯލްޑިވިއަން އިން ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގެ އެންމެ ވަރުގަދަ އެއް އެއާލައިނާއެކު ކޯޑް ޝެއާކުރުމާއި އިންޓަލައިން ނުވަތަ އެއް އެއާލައިނުން އަނެއް އެއާލައިނެއްގެ ހިދުމަތްތައް ވިއްކައި ކަނެޓްޓިވިޓީ އިތުރުކުރުމާއި ހޮލިޑޭ ޕެކޭޖްތައް ވިއްކުމުގައި ވެސް ގުޅިގެން މަސައްކަތްކުރާނެ އެއްބަސްވުންތަކެއް ހަދަން މި އެމްއޯޔޫގެ ދަށުން މަސައްކަތްކުރާނެ ކަމަށެވެ.

މޯލްޑިވިއަންގެ ބަޔާނުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ ހަވާލާދީ ބުނެފައި ވަނީ އެމިރޭޓްސް އަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ގެންނަ އެއާލައިން ކަމަށާއި އެމިރޭޓްސްއާ އެކު ޕާޓްނަޝިޕެއް އުފެއްދިއްޖެ ނަމަ ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ފައިދާކޮށް ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އިގްތިސާދީ ގުޅުން ބަދަހިވެގެން ދާނެ ކަމަށެވެ.

އެމިރޭޓްސް އަކީ ރާއްޖެއަށް ދަތުރުކުރާ އެންމެ ޒަމާންވީ އަދި އެންމެ ގިނަ އަދަދަކަށް ފަސިންޖަރުން އުފުލާ އެއް އެއާލައިންނެވެ.

އެ ބަޔާނުގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު އެއާލައިނާ އެކު ޕާޓްނަޝިޕް ހެދުމަށް އޮތް ފުރުސަތުތަކަށް މަސައްކަތް ކުރުމަކީ އަދަދު ނުކުރެވޭހާ ގިނަ ފުރުސަތުތައް ފަހިވާނެ ކަމެކެވެ. އެމިރޭޓްސްއާ އެކު ޕާޓްނަޝިޕެއްގެ ފުރުސަތު ލިބުމަކީ ކޮވިޑްގެ ބަލިމަޑުކަމަށް ފަހު އޭވިއޭޝަން އިންޑަސްޓްރީގައި އަލުން މަގާމު ދަމަހައްޓައި ހަމަޖެހިލަން ލިބޭނެ ފުރުސަތަކަށް ވާނެ ކަމަށާއި އިންޓަލައިން އައި ކޯޑްޝެއާ އެރޭންޖްމަންޓަކަށް އާދެވިއްޖެ ނަމަ މޯލްޑިވިއަން އާއި އެމިރޭޓްްސްގެ ކަނެކްޓިވިޓީ އާއި ހިދުމަތްތައް އިތުރަށް ފުޅާވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"ދިވެހިރާއްޖެ އަކީ އެމިރޭޓްސްގެ ނެޓްވޯކްގައި ހިމެނޭ އެންމެ މަގުބޫލު އެއް މަންޒިލް. އެހެންވެ ރާއްޖޭގެ އެއާލައިނަކާ އެކު ޕާޓްނަޝިޕެއް ހެދުމުގެ މަސައްކަތް ކުރުމަކީ ލިބޭ އުފަލެއް،" އެމިރޭޓްސްގެ ޗީފް ކޮމާޝަލް އޮފިސާ އަދްނާން ކާޒިމް ވިދާޅުވި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޯޑްޝެއާކުރުމާއި އިންޓަލައިން ހިދުމަތްތަކުން އެމިރޭޓްސް އާއި މޯލްޑިވިއަން ވެސް ވަރަށް ބޮޑަށް ފައިދާކުރާނެ އެވެ. އޭރުން، ރާއްޖޭން ދަތުރުކުރާ މީހުންނަށް އެމިރޭޓްސްގެ 120 އަށް ވުރެ ގިނަ މަންޒިލާ ދުބާއީ މަގުން ގުޅުވާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޔާނުގައި ބުނެފައިވަނީ އިންޓަލައިން އަދި ސްޕެޝަލް ޕްރޮރޭޓް އެގްރީމަންޓް (އެސްޕީއޭ) އަކާ އެކު އިންޓަލައިން އަދި ކޯޑްޝެއާރިންއާ ގުޅޭ ހުއްދަތައް ހޯދުމާއި ޓެކްނިކަލް ފީޒިބިލިޓީ ހަދައި މި ހިދުމަތްތަކާ ގުޅޭ އެއްބަސްވުންތައް ހެދުމުގެ މަސައްކަތް ދެ އެއާލައިނުން ކުރިއަށް ގެންދާނެ ކަމަށެވެ.

އެމިރޭޓްސް އެއާލައިނުން 265،000 ފަސިންޖަރުން މިދިޔަ އަހަރު ރާއްޖެ އަށް ވަނީ އައިސްފަ އެވެ މިދިޔަ އަހަރު އެވްރެޖްކޮށް ކޮންމެ ދުވަހަކު އެ އެއާލައިންގެ ހަތަރު ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އެވެ.