މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ މަހު 2.36 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށާއި އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 31.2 ޕަސެންޓް އިތުރު އަދަދެއް ކަމަށް ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން ބުނީ މިދިޔަ މަހު ލިބުނު 2.36 ބިލިއަން ރުފިޔާއަކީ ކުރިން ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 38.6 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.

މީރާއިން ބުނީ މިދިޔަ އަހަރުގެ ޖެނުއަރީގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމުން ކަމަށެވެ. މިގޮތުން، ޑިސެންބަރު 2020 އާއި އަޅައިބަލާއިރު، މިދިޔަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ އިތުރުވެފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

"މީގެ ސަބަބަކީ 2020 ވަނަ އަހަރު ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުން ކަމަށް މީރާއިން ފާހަގަކުރޭ. މީގެ އިތުރުން، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޖަނަވަރީ 2021 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޖަނަވަރީ 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެއް. މި ފީ ޖަނަވަރީ 2021 ގައި ލިބިފައެއް ނުވޭ،" މީރާއިން ބުންޏެވެ.

މީގެ ސަބަބަކީ 2020 ވަނަ އަހަރު ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުން ކަމަށް މީރާއިން ފާހަގަކުރޭ. މީގެ އިތުރުން، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޖަނަވަރީ 2021 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޖަނަވަރީ 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެއް. މި ފީ ޖަނަވަރީ 2021 ގައި ލިބިފައެއް ނުވޭ،
މީރާ

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީން އެވެ. އެއީ 44.6 ޕަސެންޓް ނުވަތަ 1.05 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 36.6 ޕަސެންޓް ނުވަތަ 864.41 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 95.19 މިލިއަން ރުފިޔާ (4.0 ޕަސެންޓް)، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 84.49 މިލިއަން ރުފިޔާ (3.6 ޕަސެންޓް)، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.55 މިލިއަން ރުފިޔާ (3.2 ޕަސެންޓް)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 188.54 މިލިއަން ރުފިޔާ (8.0 ޕަސެންޓް) ލިބިފައިވެ އެވެ.

މިދިޔަ މަހު ދެއްކި އާމްދަނީގެ ތެރޭގައި 73.88 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.