ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އިސް ރަށްވެހިންނަށް ހާއްސަކޮށްގެން ސ. ފޭދޫގައި ހެދި "މާމަ ކާފަ ޕާކު" މިއަދު ހުޅުވައިފި އެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮޖެކްޓްގެ މަގްސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއަޅައި އިޖްތިމާއީ ހަރަކާތްތަކުގައި އިސް ރަށްވެހިންގެ ބައިވެރިވުން އިތުރުކޮށް ގުޅުން ބަދަހިކޮށް އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.

އެ ބޭންކުން ބުނީ އެ ޕާކުގައި ވަނީ ހިޔާވާނެ ގޮތަށް ބެންޗު ބަހައްޓައި ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކެރަމް، ތާސް އަދި ޗެސް ފަދަ ކުޅިވަރުތައް ކުޅެވޭނެހެން މޭޒާއި ގޮނޑި ބަހައްޓާފައިވާ ކަމަށެވެ. އަދި މި ސަރަހައްދަށް ނިސްބަތްވާ ޖަމިއްޔާތަކާއި ގުޅިގެން ހެލްތް ޗެކަޕް ފަދަ ހަރަކާތްތަކާއި ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމްތައް މި ޕާކުގައި ހިންގުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ޝިމްލާ އަހްމަދު ވިދާޅުވީ މާމަ ކާފަ ޕާކަކީ މާމަ އަދި ކާފަމެނަށް އާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލާ ގުޅުން ބަދަހި ކުރުމަށް މާހައުލެއް ހޯދާދިނުމުގެ ގޮތުން ތަރައްގީ ކުރި ޕާކެއް ކަމަށެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އިސް ރަށްވެހިންނަށް ހާއްސަކޮށްގެން ސ. ފޭދޫގައި ހެދި "މާމަ ކާފަ ޕާކު". ފޮޓޯ: ބީއެމްއެލް

"މިއީ މިރަށުގެ އިސްރަށްވެހިންނަށް ހާއްސަކޮށް ހުޅުވުނު ޕާކެއް ކަމުން އަޅުގަނޑުމެންގެ އުންމީދަކީ އުފާވެރި ހެލިފެލިވެ އުޅޭ މާމާ މެންނާއި ކާފަމެން މި ޕާކުން ގިނައިން ފެނުން،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 60 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.