ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެންމަތީގައި ގެތަކެއް އަޅަން ޑަޗް ޑޮކްލޭންޑްސް މޯލްޑިވްސް އިން ބައިސަން މޯލްޑިވްސްއާ އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފްލޯޓިން ސިޓީ ތަރައްގީ ކުރަނީ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް އާއި ސަރުކާރާ ދެމެދު ގާއިމުކުރި ޖޮއިންޓް ވެންޗާއެއްގެ ދަށުންނެވެ.

ރާއްޖޭގައި ފްލޯޓިން ސިޓީ ހެދުމަށް ނެދަލޭންޑްސް ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށް، މަޝްރޫއު ރަސްމީކޮށް އިފްތިތާހު ކުރީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.

މާލެއިން ފުރައިގެން ސްޕީޑް ލޯންޗުގައި ފަސް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ފަޅެއްގައި 5،000 ގެދޮރު އެޅުމަށް ނިންމާފައިވެ އެވެ. އެތަނުގައި ފުރަތަމަ ހަދާ ގެތަކަށް ޒިޔާރަތްކޮށް، ދުނިޔޭގެ އުފާވެރިކަމާއި ހިތްހަމަޖެހުން އިހުސާސް ވެގެންދާނެ ކަމަށް ޑަޗްޑޮކްލެންޑުން ބުންޏެވެ.

މި 5000 ހައުސިން ޔުނިޓް އަޅަން ނިންމާފައި ވަނީ ނެދަލެންޑްގެ އިންޖިނިއަރުންތަކެއް ބޭނުންކޮށްފައިވާ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. މި ގެތައް ފަޅު ތެރޭގައި ފަތުރާލުމަށްފަހު އެއްކޮށް ގުޅުވާލެވޭނެ އެވެ.

މި މަޝްރޫއުގެ އަގެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.

އެ ކުންފުނިން ބުނީ އެތަނުގައި ހަދާ ފުރަތަމަ ގެތައް ރޯދައަށް ފަހު ތައްޔާރުކޮށް ނިމޭނެ ކަމަށާއި، ދުވަސްކޮޅެއް ފަހުން އާއްމުންނަށް ހުޅުވާލެވޭނެ ކަމަށެވެ. މި ގެތައް ހަދަނީ ނެދަލެންޑްސްގެ އިންޖިނިއަރުން ޑިޒައިންކޮށްފައިވާ ސްޕެސިފިކޭޝަންތަކަށް ރާއްޖޭގަ އެވެ.

މާލެ ކައިރީގައި ހަދާ ފްލޯޓިން ސިޓީގެ ގެތަކެއްގެ ކުރެހުން. މިތަނުގައި 5،000 ގެ އަޅަން ބައިސަން އާ ވަނީ ހަވާލުކޮށްފައި.

ބައިސަން މޯލްޑިވްސް އަކީ ރާއްޖޭގެ ރިސޯޓުތައް ތަރައްގީކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. ވިހި އަހަރުގެ ތަޖުރިބާއާއެކު ބައިސަން މޯލްޑިވްސް އިން ވަނީ ކޮކޫން މޯލްޑިވްސް، ޔޫ އެންޑް މީ ބައި ކޮކޫން އަދި އެޓްމޮސްފިއާ ގްރޫޕް ފަދަ ލަގްޒަރީ ރިސޯޓުތައް ހަދާފަ އެވެ.

ބައިސަންގެ ފައުންޑަރު އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް މަޖީދު ވިދާޅުވީ ބައިސަން މޯލްޑިވްސް އިން މި ބިންގާ އަޅާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ފުރަތަމަ ގެދޮރު ކަނޑައެޅިފައިވާ ވަގުތުގައި ނިންމާލެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީގެ ޑިރެކްޓަރު އިބްރާހިމް ރިޔާޒު ވިދާޅުވީ އެ ސިޓީގެ ކޮންސްޓްރަކްޝަން މަސައްކަތް ފެށުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"އަޅުގަނޑު އިންތިޒާރު މިކުރަނީ، އާންމު މެންބަރުން ފުރަތަމަ ގޭގެއަށް ގެންގޮސް އެ ބޭފުޅުންނަށް އެ މަޝްރޫއު އަމިއްލަފުޅަށް ފެނިވަޑައިގަންނަވާނެ ދުވަހަކަށް. މިފަދަ އީޖާދީ ތަރައްގީއެއް، ފެންނާނެ ކަމަށް ގަބޫލުކުރެވޭ،" އޭނާ ވިދާޅުވި އެވެ.