ޕްރޮކިއުމެންޓު ޕޮލިސީ ބޯޑު ފިނޭންސް މިނިސްޓްރީން އެކުލަވައިލީ އެކަމަށް މަގުފަހިވާ ގޮތަށް މާލިއްޔަތު ގަވައިދު ބަދަލުކުރުމެއް ނެތިކަން އެނގިއްޖެ އެވެ.

ދައުލަތުގެ ޕްރޮކިއުމެންޓު ޕޮލިސީ ބޯޑެއް އެކުލަވައިލީ މި އަހަރުގެ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ރައީސް އޮފީހުގައި އެކަމަށް އެދިގެންނެވެ. ބޯޑަށް މެންބަރުން އައްޔަންކޮށް ބޯޑު އެކުލަވައިލާފައިވާކަން ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް އަންގާފައިވަނީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގަ އެވެ.

ފިނޭންސް މިނިސްޓްރީގެ އެދުމުގެ މަތިން ޕްރޮކިއުމެންޓް ނިޒާމު ހަރުދަނާކޮށް އެ ނިޒާމާ ގުޅޭ އުސޫލުތައް އެކުލަވައިލުމަށް ޕްރޮކިއުމަންޓް ޕޮލިސީ ބޯޑެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވައިލެއްވީ މާލިއްޔަތު ގަވާއިދު އޭރު އޮތްގޮތާ ޚިލާފަށެވެ. ބޯޑު އެކުލަވައިލިއިރު މާލިއްޔަތު ގަވާއިދުގައި ބުނެފައިވަނީ ޕްރޮކިއުމެންޓާ ގުޅޭ ކަންކަން ރާވައި ހިންގުމާއި އެ ގަވާއިދުގެ ދަށުން ޕްރޮކިއުމެންޓާ ގުޅޭ ސާކިއުލާތަކާއި ދެންނެވުންތައް ނެރޭނީ ފިނޭންސް މިނިސްޓަރު ނުވަތަ ލިޔުމުން މިނިސްޓަރު ހަވާލުކުރައްވައިގެން ފައިނޭންޝަލް ކޮންޓްރޯލާ ކަމަށެވެ.

އެ ބޯޑަށް ބާރު ލިބޭ ގޮތަށް މާލިއްޔަތު ގާނޫނަށް އިސްލާހު ގެނެސް ބޯޑަށް ގަވާއިދުގެ ދަށުން ބާރު ދީފައިވަނީ ބޯޑު އެކުލަވައިލިތާ ފަސްވަރަކަށް މަސް ފަހުން މިދިޔަ ޖުލައި ހަތަރު ވަނަ ދުވަހު އެވެ. އެގޮތުން މާލިއްޔަތު ގަވައިދުގެ 10.6 ގައި ބުނެފައިވަނީ ޕްރޮކިއުމެންޓް ނިޒާމު ހަރުދަނާކުރުމާއި އެ ގަވާއިދުގެ ދަށުން ޕްރޮކިއުމެންޓާ ގުޅޭ އުސޫލުތައް އެކުލަވައިލާ އާންމުކޮށް ޝާއިއުކުރާނީ ޕްރޮކިއުމެންޓު ޕޮލިސީ ބޯޑުން ކަމަށެވެ. އަދި މި އިސްލާހުގެ ދަށުން ޕްރޮކިއުމެންޓު ޕޮލިސީ ބޯޑު އެކުލަވައިލާނެ ގޮތް ވެސް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ބޯޑުގައި ތިބޭނީ ބޯޑުގެ ޗެއާޕާސަން ހިމެނޭ ގޮތަށް ހަތް މެންބަރުން ކަމަށް ގަވާއިދަށް އަލަށް އިތުރު ކުރި އަކުރެއްގައި ބަޔާންކޮށްފައިވެ އެވެ.

އެ ބޯޑަށް މެންބަރުން އައްޔަންކުރައްވާނީ ފިނޭންސް މިނިސްޓަރުގެ ލަފަޔާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް އެ އަކުރުގައި ބުނެފައިވެ އެވެ.