އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި އެވެ.

އެސްޓީއޯއިން ބުނީ ތެލުގެ އަގަށް ބަދަލު ގެނެސްފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ކަމަށެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގު ބޮޑުކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.

ތެލުގެ އަގު ބޮޑުކުރުމުގެ ކުރިން ޕެޓްރޯލް ލިޓަރެއް ވިއްކީ 12.06ރ. އަށް އަދި ޑީސަލް ލިޓަރެއް ވިއްކީ 12.44 ރ. އަށެވެ. އަދި މިއަދުން ފެށިގެން ތެލުގެ އަގު ބޮޑުކުރި އިރު ޕެޓްރޯލް ލީޓަރަކުން ވަނީ 92 ލާރި އަދި ޑީސަލް ލީޓަރަކުން ވަނީ 60 ލާރި ބޮޑުކޮށްފަ އެވެ.

ތެލުގެ އަގަށް ގެނައި ބަދަލާ ގުޅިގެން އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދާނީ 12.98 ރ. އަށް ކަމަށާއި އަދި ޑީސަލް ލިޓަރެއް ވިއްކާނީ 13.04 ރ. އަށް ކަމަށެވެ.

އެސްޓީއޯއިން ބުނެފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގު ވެސް ވަރަށް ބޮޑުވެފައިވާ ކަމަށެވެ.