ދިރާގު ހައިސްޕީޑް ފައިބަ އިންޓަނެޓްގެ ޚިދުމަތާއެކު ދިރާގު ޓީވީގެ ޚިދުމަތް ށ. ކަނޑިތީމަށް ރަސްމީކޮށް ދޭން ފަށައިފި އެވެ.

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން މި ދެ ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ ކަނޑިތީމުގެ ރައްޔިތުންނަށް ޚާއްސަ އޮފާތަކަކާއެކު ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން، ދިރާގު ފައިބަ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ޚާއްސަ ރައުޓަރު ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ޚިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ. އަދި ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށްވެސް ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސް ވެސް (ޑީކޯޑަރު) މުޅިން ހިލޭ ލިބޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ

ދިރާގު ފައިބަ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 82 ޕަސެންޓަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު، މީގެ ތެރޭގައި 77 ރަށެއް ހިމެނެ އެވެ. އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީ ޓީވީގެ ޚިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ދިރާގުން ވަނީ ރާއްޖޭގެ 82 ޕަސެންޓް ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ޚިދުމަތް ފޯރުކޮށްދީފައި ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.