އިމްޕޯޓް ޑިއުޓީގެ ގޮތުގައި މިދިޔަ މަހު ދައުލަތައް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 30 ޕަސެންޓް އިތުރު ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް 2.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.

ރާއްޖެއަށް އެތެރެކުރި މުދާ ޖަނަވަރީ މަހު އިތުރުވެފައިވާއިރު ދައުލަތައް ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން 2021 ވަނަ އަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު މިދިޔަ މަހު ދައުލަތައް ލިބުނު އާމްދަނީ ވަނީ 30 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް 240 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ މަހު ލިބިފައިވަނީ 312 މިލިއަން ރުފިޔާ އެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، އޮމާން، ސިންގަޕޫރު، ޔޫއޭއީ އަދި އިންޑިއާ އެވެ. ޗައިނާއިން 603 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާންއިން 529 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީ އިން 463 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކުރި ގައުމުތަކަކީ ތައިލޭންޑް، އިންގިރޭސިވިލާތް، އަދި މޮރިޝަސް އެވެ. ތައިލޭންޑަށް 54 ޕަސެންޓް މުދާ، އިނގިރޭސިވިލާތަށް 10 ޕަސެންޓް އަދި މޮރީޝަސްއަށް 7 ޕަސެންޓް މުދާ ބޭރުކޮށްފައިވެ އެވެ.

މިދިޔަ އަހަރު މިމުއްދަތުގައި ރާއްޖެއަށް 126 އުޅަނދު އައިސްފައިވާއިރު، 144 އުޅަނދު ވަނީ ފުރާފަ އެވެ. ނަމަވެސް މިދިޔަ މަހު 123 އުޅަނދު އައިއިރު ފުރާފައި ވަނީ 142 އުޅަނދެވެ.

މިއާއެކު މިދިޔަ މަހު ރޯޔަލްޓީގެ ގޮތުގައި ދައުލަތައް ލިބިފައިވަނީ ޖުމްލަ 1،216،369 ރުފިޔާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.