ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކަށް ރެއިން ފެށިގެން ބަދަލު ގެނައުމާގުޅިގެން ފިހާރަތަކާއި ހޮޓާ، ކެފޭ، ރެސްޓޯރަންޓްތައް ހުޅުވޭ ގަޑިތައް އިތުރުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ މިރެއިން އިން ފެށިގެން ފިހާރަތައް ފަތިހު 5:00 ން ރޭގަނޑު 11:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ފިހާރަތަކުގެ އިތުރުން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ވެސް ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ހުޅުވާފައި ބެހެއްޓޭ ގޮތަށް އެ މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.

"ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރަން ވާނެ،" އެ އިއުލާނުގައި ބުނެފައިވެ އެވެ.

ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއި ދިނުމުގެ ކުރިން ފިހާރަތައް ރޭގަނޑު 10 ޖަހާއިރު އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރޭގަނޑު 10:30ގައި ބަންދުކުރަން ޖެހެ އެވެ.