އެމެރިކާގެ މަހުޖަން އީލޮން މަސްކްގެ ސްޕޭސް އެކްސް ކުންފުނިން ޖައްވަށް ފޮނުވާފައިވާ ސްޓާލިންކް ސެޓެލައިޓްތައް މެދުވެރިކޮށް އިންޓަނެޓްގެ ހިދުމަތް ހޯދުމަށް މަޝްވަރާ ކޮށްފި އެވެ.

ޓެސްލާގެ ވެރިޔާ އަދި ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނު އީލޮން މަސްކުގެ ސްޕޭސް އެކްސް ކުންފުނިން ސެޓެލައިޓް މެދުވެރިކޮށް ހައި ސްޕީޑް އިންޓަނެޓް ދުނިޔޭގެ އެކި ގައުމުތަކަށް ދަނީ ފޯރުކޮށްދެމުންނެވެ.

އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ޚިދުމަތް ފޯރުކޮށް ދިނުމާ ބެހޭގޮތުން މިނިސްޓަރު ޝައުނާ އާއި ސްޓާލިންކްގެ މާކެޓް އެކްސެސް ޑައިރެކްޓާ ރަޔާން ގުޑްނައިޓާ އެކު މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މިބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ޓެކްނޮލޮޖީ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ސްޓާލިންކްގެ އިންޓަނެޓް ޚިދުމަތް ރާއްޖެއަށް ދިނުމާ ބެހޭގޮތުން މަޝްވަރާ ކުރިއިރު، މި ސަރަހައްދަށް ސްޓާލިންކްގެ ޚިދުމަތް ލިބެން ފެށުމުން އެ ޚިދުމަތް ރާއްޖޭގައި މަނާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް މިނިސްޓަރު ޝައުނާ ކުރިން ވިދާޅުވެފައިވެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ފެށި ސްޓާލިންކަކީ ސެޓެލައިޓް ނެޓްވޯކެއްގެ ތެރެއިން ސީދާ އިންޓަނެޓް ފޯރު ކޮށްދޭ ގޮތަށް އުފައްދާފައިވާ ޓެކްނޮލޮޖީ އެކެވެ. މިހާތަނަށް ސްޕޭސް އެކްސްއިން 1800 އަށް ވުރެ ގިނަ ސެޓެލައިޓް ޖައްވަށް ފޮނުވާލާފައިވެ އެވެ.

ސްޓާލިންކްގެ ހިދުމަތަކީ މަހު ފީއެއް ދައްކައިގެން އަންލިމިޓެޑްކޮށް ބޭނުން ކުރެވޭ، އަގު ހެޔޮ އިންޓަނެޓް ހިދުމަތެކެވެ. މަހަކު 99 ޑޮލަރަށް މި ހިދުމަތް ބޭނުން ކުރެވެ އެވެ. ނަމަވެސް ހިދުމަތް ބޭނުން ކުރަން ބޭނުންވާ ޑިވައިސް ގަތުމަށް އަދި ރަޖިސްޓްރީ ކުރަން 499 ޑޮލަރު މިވަގުތު ނަގަ އެވެ. މިހާރު ސްޓާލިންކްގެ ހިދުމަތް ބީޓާ މަރުހަލާއެއްގައި އެމެރިކާ، ކެނެޑާ އަދި ބައެއް އެހެން ގައުމުތަކުގައި ވެސް ދަނީ ތަޖުރިބާކުރަމުންނެވެ.