ބޭންކް އޮފް މޯލްޑިވްސް އިން ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އަށް 150،000ރ. ހަދިޔާކޮށްފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މިއީ އެ ޖަމިއްޔާއިން އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ ޕިންކް ރިބަން ރަން- ވޯލްކް އަށް ދިން އެހީއެކެވެ.

މި އެހީ އެޖަމިއްޔާ އާ ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ ޓިމް ސޯޔާއެވެ. މިއަދު ހެނދުނު އެ ހަދިޔާކޮށްދެއްވުމަށްފަހު ޓިމް ވަނީ ސީއެސްއެމްގެ ބައެއް މެންބަރުންނާއި އުރަމތީގެ ކެންސަރުން ފަރުވާ ހޯދައި ރަނގަޅުވެފައިވާ ފަރާތްތަކާއި އަދި މި ބަލިން ފަރުވާ ހޯދަމުންދާ ފަރާތްތަކާ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ކެންސަރު ބަލިން ރަނގަޅުވި ފަރާތްތަކުންވަނީ ކެންސަރާ ހަނގުރާމަކޮށް ކާމިޔާބު ހޯދުމުގައި އެ މީހުން ކުރި ހިތްވަރާއި، ކެރިގެން ބައްޔާ ކުރިމަތިލުމާއި އަދި އުއްމީދާއެކު މަސައްކަތްކުރިކަމުގެ އިބްރަތްތެރި ވާހަކަތައް ހިއްސާކޮށްފަ އެވެ.

މިއަހަރުގެ ޕިންކް ރިބަން ރަން- ވޯލްކް ހަރަކާތް ބޭއްވުނީ ވާޗުއަލް އިވެންޓެއްގެ ގޮތުގަ އެވެ. މި ހަރަކާތުގައި ގާތްގަނޑަކަށް 700 މީހުން ވަނީ ބައިވެރިވެފަ އެވެ. 2016 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން އަންނަނީ އެ ބޭންކު އިޖްތިމާއި ޒިންމާގެ ދަށުން ކެންސާ ސޮސައިޓީއަށް އެހީތެރިވަމުންނެވެ.