6000 ގަސް އިންދުމަށް އަމާޒު ހިފައި، މިއަހަރުގެ "ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމް އިއްޔެ ފަށައިފި އެވެ.

"ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން ހިދުމަތްދޭ ހުރިހާ ރަށެއްގައި ގަސްއިންދާ މިއީ ހަތަރު ވަނަ އަހަރެވެ. މިއަހަރު ސްޓެލްކޯ ރަށްފެހި ހަރަކާތް ކުރިއަށް ގެންދިޔައީ ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގޭގަ އެވެ.

މި އަހަރުގެ ރަށްފެހި ޕްރޮގްރާމް ޝަރަފްވެރިކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު، އަދި މަޖިލީހުގެ އެންވަޔަރުމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުގައްރިރު އަހްމަދު ސަލީމެވެ.

މި ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން ޝަރަފްވެރިމެހުމާން މެމްބަރު ސަލީމާއި، މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވަނީ އެ ސަރަހައްދުގައި ދިވެހި ރުށް އިންދާފަ އެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްސަކޮށްގެން ކަރާ ގަސް ވެސް ވަނީ އިންޖީނުގޭގެ ގޯތި ތެރޭ އިންދައިފަ އެވެ.

ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތްދޭ ރަށްރަށުގައި ހިންގާ "ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވާހަކަދައްކަވަނީ. ފޮޓޯ: ސްޓެލްކޯ

މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުޣުނީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިއީ ރައީސް ފެއްޓެވި ވަރަށް މުހިންމު ޕްރޮގްރާމެއްގެ ދަށުން ސްޓެލްކޯ އިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި، އަމާޒަކީ މިއަދު ސްޓެލްކޯގެ ހުރިހާ މުވައްޒަފުން، ހުރިހާ އައުޓްލެޓެއްގައި ހަ ހާސް ގަސް އިންދުން ކަމަށެވެ.

"ހަމަ އެކަނި އަހަރެމެން ކުރާ ކަމަކީ ގަސްއިންދުމެއް ނޫން. ގަސް އިންދުމުން ރަމްޒުމިކޮށްދެނީ ކުންފުނީގެ މުޅި މަސައްކަތްތައް. ކުޑަކޮށް ފެށޭ ކަންކަން ރަނގަޅަށް ބެލެހެއްޓޭނަމަ އެކަމުގެ ފަސޭހަ ކުންފުނީގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދާނެ. މިދިޔަ އަހަރު 5،000ގަސް އިންދާފައިވާއިރު، މިއަހަރުގެ ގޯލަކީ 6،000 ގަސް އިންދުން،" މެނޭޖިން ޑިރެކްޓަރު މުޣުނީ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހުމާން، ހޯރަފުށީ ދާއިރާގެ މެމްބަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި ފަދަ ކުންފުންޏަކުން، ގަސްއިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވަކި ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަ ނުކުރި ނަމަވެސް އަބަދުވެސް ގަސްއިންދުން ކުރިއަށް ގެންދެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ސަރުކާރުން 2030 އަށް އަމާޒުހިފާފައިވާ ކާބަން ނިއުޓްރަލް އަށް ވާސިލުވުމަށް ވެސް ގަސް އިންދުމުގެ މުހިންމުކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

ރަށްފެހި ޕްރޮގްރާމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ އާ ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް އެކުލަވާލައި ފެށުމަށް ވެވަޑައިގެންފައިވާ ވައުދާއި ގުޅިގެން މުޅި ރާއްޖެ ފެހި ކުރުމަށް ފެއްޓެވި ޕްރޮގްރާމެކެވެ.

ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތްދޭ ރަށްރަށުގައި ހިންގާ ގަސް އިންދުމުގެ ގޮތުން މިއަހަރުގެ "ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމް ފެށުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯ "ރަށްފެހި" ޕްރޮގްރާމަކީ މިކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ޕްރޮގްރާމް މެދުކެނޑުމެއް ނެތި ހަމައެކަނި ކުރިއަށް ގެންދާ ކުންފުންޏަކީ ވެސް ސްޓެލްކޯ އެވެ.

2019 ވަނަ އަހަރު ސްޓެލްކޯ އިން ފެށި ރަށްފެހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ވަނީ 10،000 އަށް ވުރެ ގިނަ ގަސް އިންދާފަ އެވެ. އެގޮތުން 2019 ވަނަ އަހަރު ސްޓެލްކޯ ރަށްފެހީގައި 2،000 ގަސް އިންދާފައިވާއިރު، އޭގެ ޖެހިގެން އައި 2020 ވަނަ އަހަރު 3،000 ގަސް އަދި ކޮވިޑްގެ ދަތިހާލަތުގައި ފުރަބަންދުވެ ތިބެ ވެސް މި ޕްރޮގްރާމް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިޔަށްގެން ގޮސް 2021 ވަނަ އަހަރު ވަނީ 5،000 ގަސް އިންދައިފަ އެވެ.