މޯލްޑިވިއަން އިން ޅ. މަޑިވަރު އެއާޕޯޓަށް އަންނަ ހުކުރު ދުވަހު ކޮމާޝަލް ދަތުރުތައް ފަށަން ނިންމައިފި އެވެ.

މަޑިވަރު އެއާޕޯޓް ހިންގަން ހަވާލުވެފައިވާ އައިލެންޑް އޭވިއޭޝަން އިން މިއަދު ބުނީ ކޮމާޝަލް ދަތުރުތައް އިފްތިތާހުކުރުމުގެ ގޮތުން މިމަހުގެ 18 ވަނަ ދުވަހު އެ ކުންފުނީގެ މޯލްޑިވިއަންގެ ފްލައިޓެއް މަޑިވަރަށް ދަތުރުކުރާނެ ކަމަށެވެ. އަދި އެއަށްފަހު ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށާއި މަޑިވަރަށް ކުރާ ދަތުރުތަކުގެ އަގުތަކާއި ދުވަސްތައް މިއަދު ހާމަކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މަޑިވަރު އެއާޕޯޓުގެ މަސައްކަތް ނިންމާ އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ.

ކުރެއްދޫ ހޯލްޑިން އިން ތަރައްގީކުރި އެއާޕޯޓް ހިންގުމަށް އައިލެންޑް އޭވިއޭޝަނާ ހަވާލުކުރީ މިދިޔަ މަހު އެވެ.

މަޑިވަރުގައި އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި، އެއާ ކްރާފްޓްތައް ޕާކު ކުރާނެ ސަރަޙައްދަކާއި، ފަޔާ ބިލްޑިންއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓާމިނަލެެއް ވަނީ ތަރައްގީކޮށްފައިވެ އެވެ. މީގެ އިތުރުން އެއާޕޯޓުގެ ޓާމިނަލް އިމާރާތާއި، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އެކަމަޑޭޝަން ބްލޮކުގެ މަސައްކަތް ނިންމާ، ގްރައުންޑް ހޭންޑްލިންއަށް ބޭނުންވާ ސާމާނު ވެސް ވަނީ އިންސްޓޯލްކޮށްފަ އެވެ.

މަޑިވަރު އެއާޕޯޓް ހިންގުމާއި އައިލެންޑް އޭވިއޭޝަނުން ހަވާލުވިއިރު މިވަގުތު އައިލެންޑް އޭވިއޭޝަނުން އަންނަނީ ތިން ޑޮމެސްޓިކް އެއާޕޯޓެއް ހިންގަމުންނެވެ. އެއީ ބ. ދަރަވަންދޫ، ތ. ތިމަރަފުށި އަދި ރ. އިފުރު އެއާޕޯޓެވެ. އަދި އައިލެންޑް އޭވިއޭޝަނުން އަންނަނީ ނ. މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓު ވެސް ހިންގަމުންނެވެ.