ރ. ހުރުވަޅި ރިސޯޓްގެ މުވައްޒަފުންނަށް ޗުއްޓީ ނުދީ މަސައްކަތްކުރުވާ ކަމަށް ބުނެ އެ ރިސޯޓުގެ މުވައްޒަފުންތަކެއް ޝަކުވާކުރަން ފަށައިފި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އާމިރު މަންސޫރުގެ ހިއްސާ އޮންނަ އެ ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބެން ޖެހޭ އޮފް ދުވަސްތަކާއި އަހަރީ ޗުއްޓީ ވެސް ދީފައި ނުވާ ކަމަށް "ހުރިހާ"އާ ވާހަކަދެއްކި މުވައްޒަފު ބުންޏެވެ. އަދި އަހަރު ނިމުމުން އެ ދުވަސްތަކަށް ވާ މުސާރަ ވެސް އެ މުވައްޒަފުންނަށް ދީފައި ނުވާ ކަމަށް އެ މުވައްޒަފު ބުންޏެވެ.

އެ ރިސޯޓްގައި މަސައްކަތްކުރާ މުވައްޒަފުން ބުނާ ގޮތުގައި އަހަރު ނިމިގެންދާއިރު ބާކީ ޗުއްޓީ އޮތަސް އެ ދުވަސްތައް ޗުއްޓީ ގޮތުގައި ނުލިބެ އެވެ. އަދި ރިސޯޓް ބީޒީ ކަމަށް ބުނެ ދުވަސް ހުސްކުރަން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ވެސް ނުލިބޭ ކަމަށް އެ އެ މުވައްޒަފު ބުންޏެވެ.

ހުރުވަޅި ރިސޯޓުން ބުނީ އެ ރިސޯޓާ ބެހޭ ގޮތުން ދައްކަނީ ތާކުންތާކު ނުޖެހޭ ދޮގު ވާހަކަތަކެއް ކަމަށެވެ.

ރާއްޖޭގެ ގިނަ ރިސޯޓުތައް ހިމެނެނީ އެންމެ ބޮޑެތި ވިޔަފާރިތަކުގެ ލިސްޓުގައި ކަމުން އެންމެ އާދައިގެ ވަޒީފާގައި އުޅޭ މުވައްޒަފުންނަށް ވެސް މުސާރައިގެ ގޮތުގައި 8،000 ރުފިޔާ މިހާރު ލިބޭނެ އެވެ.

އެހެން ނަމަވެސް ރިސޯޓް މުވައްޒަފުންނަށް ހައްގުވާ މިންވަރު ނުލިބޭ ކަމުގެ ސަކުވާ އަބަދުވެސް އޮވެ އެވެ. އަދި މިނިވަމް ވޭޖާއެކު ރިސޯޓްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރިތޯ ކަށަވަރުކުރުމުގެ މަސައްކަތް މަޖިލީހުން އަންނަނީ ބަލަމުންނެވެ. އަދި ސާވިސް ޗާޖް ރަގަޅަށް ރިސޯޓްތަކުން ދޭތޯ ވެސް އަންނަނީ ބަލަމުންނެވެ.