ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގެ މީހުންނަށް ވިއްކާ 60 ބިމުގެ ތެރެއިން ބީޗް ސައިޑްގެ 34 ބިމަށް 180 ބީލަން މިއަދު ހުށަހަޅައިފި އެވެ.

މިހާތަނަށް ހުށަހަޅާފައިވާ އަގުތަކަށް ބަލާއިރު އެންމެ ބޮޑު އަގަކަށް އޮތީ އަކަފޫޓަކަށް 9،001ރ. އެވެ.

މިއަދު ހެނދުނު 9:00އިން 12:00 ޖެހުމާ ހަމައަށް ބީލަން ފޯމު ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 180 މީހަކު ފޯމު ހުށައަޅާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި މެންދުރު 1:00 ން ފެށިގެން ބީލަން ފޯމު ހުޅުވައި އިއުލާންކުރުން މިހާރު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަތިރިމަތީ ސަރަޙައްދުން 60 ގޯތި ދޫކުރުމަށް އެޗްޑީސީން ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. މީގެ ތެރެއިން ބީޗް ފްރޮންޓުން ވިއްކަން ނިންމި 26 ގޯތި މިމަހުގެ 9 ވަނަ ދުވަހު ވަނީ ވިއްކާލާފަ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ސައިޑުން ވިއްކަން ހުޅުވާލި ގޯތިތަކަށް ބިޑް ހުށަހަޅަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި މީހުން ބިޑް ހުށަހަޅަނީ. ފޮޓޯ: އެޗްޑީސީ

ބީލަމަށް މިއަދު ހުޅުވާލާއިރު އެޗްޑީސީއިން ވަނީ ބީލަމުގެ ޝަރުތުތައް ވެސް ބަޔާންކޮށްފަ އެވެ. އެގޮތުން މާލޭ ރަށްވެއްސަކަށް ވުމާއި އެ މީހެއްގެ ނަމުގައި މާލެ ސަރަޙައްދުގައި ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ރަޖިސްޓްރީކޮށްފައިވާ މީހަކަށް ނުވުން ހިމެނެ އެވެ. އަދި އެޗްޑީސީ މެދުވެރިކޮށް ހުޅުމާލެއިން ބިމެއް ގަނެފައިވާ މީހަކަށް ވެސް ވެގެންނުވާނެ ކަމަށް ހަމަޖައްސާފައިވެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ސައިޑުން ވިއްކަން ހުޅުވާލި ގޯތިތަކަށް ބިޑް ހުށަހަޅަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި މީހުން ބިޑް ހުށަހަޅަނީ. ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ގޮނޑުދޮށް ސަރަހައްދުން ވިއްކުމަށް ހަމަޖެހިފައިވާ 34 ގޯއްޗަށް ކުރިމަތިލާ މީހުން ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000 ރުފިޔާ ދައްކަންޖެހެ އެވެ. އަދި ބިޑް ފޯމާއެކު ގޯއްޗަށް އެދޭ މީހަކީ މިކަމުގައި ގޮތް ނިންމުމުގެ އިޚްތިޔާރު ފުރިހަމައަށް އޮތް މީހެއްކަން އަންގައިދޭ "ޕަވަ އޮފް އެޓާނީ" ހުށައަޅަންޖެހެ އެވެ.

މާލެ ސަރަޙައްދުގައި ތޮއްޖެހުން ކުޑަކޮށް މިސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ގެދޮރުވެރިކަން ކަށަވަރުކުރުމަށް ހުޅުމާލޭ މާސްޓަ ޕްލޭނާއި އެއްގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ހިއްކާފައިވަނީ 2017 ވަނަ އަހަރު އެވެ.

ކާމިޔާބުކުރި ބީލަންތައް އުޅެނީ އެވްރެޖްކޮށް އަކަފޫޓެއް 6،000ރ. އާއި 10،000ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެންމެ ކުޑަ އަގަކުން ބީލަން ކާމިޔާބު ކުރި މީހާ ހުށަހެޅީ އަކަފޫޓަކަށް 6،000ރ. އެވެ. ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ހިއްކައިފައި ވެ އެވެ.

ދިރިއުޅުމުގެ ބޭނުމަށާއި ވިޔަފާރިއަށް ދެވަނަ ފިޔަވަހިން މިހާރު އަންނަނީ ބިން ވިއްކަމުންނެވެ