ރާއްޖޭގެ ޓޫރިޒަމްގެ ތާރީޙު ދައްކުވައިދޭ ސްޓޭމްޕްތަކެއް ޓޫރިޒަމްގެ ރަން އަހަރާ ގުޅުވައިގެން ނެރެފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ގުޅިގެން ސްޓޭމްޕްތައް ނެރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އުފެއްދުމުގެ ބާނީން ކަމަށްވާ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއި ޖޯޖް ކޯބިން އަދި ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކާއި ކްރައުން ކޮމްޕެނީގެ ހިއްސާދާރު ހުސެއިން އަފީފް ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން އެ ރަސްމީއްޔާތުގައި ފުރަތަމަ ޓުއަރިޒަމް މިނިސްޓަރު އަހުމަދު މުޖްތަބާ ވެސް ބައިވެރިވެވަޑައިގަތެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ތާރީޚު ދައްކުވައިދޭ ސްޓޭމްޕްތައް ނެރުމުގެ ރަސްމީއްޔާތުގައި ތެރެއިން މި ބޭފުޅުން ވަނީ ސްޓޭމް ކަލެކްޝަން އިޝޫގައި ސޮއިކޮށްދެއްވާފަ އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. މައުސޫމް ވަނީ ޕޯސްޓް ލިމިޓެޑާއި ގުޅިގެން ތައާރަފުކުރި މި ސްޓޭމްޕްތަކަކީ މި އަހަރަށް މިނިސްޓްރީން ރާވާފައިވާ މުހިންމު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެއް ކަން ފާހަގަކުރެއްވި އެވެ. އަދި މި އަހަރު އިތުރު ހަރަކާތްތައް ވެސް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ޕޯސްޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގު ވިދާޅުވީ، ގައުމެއްގެ ޕޯސްޓަލް ސާވިސްއިން ތައާރަފުކުރާ ސްޓޭމްޕްތަކަކީ އެ ގައުމުގެ ތާރީޙާއި ތަރައްގީ އާއި ވަރަށް ބޮޑަށް ގުޅިލާމެހިގެން ތައާރަފުކުރެވޭ ސްޓޭމްޕްތަކެއް ކަމަށެވެ. އަދި މީގެ ކުރިން ފަތުރުވެރިކަމާއި ގުޅޭ ސްޓޭމްޕްތައް ތަޢާރަފު ކުރެވުނު ކަމުގައިވިއަސް މިއީ، ރާއްޖޭގެ ފަތުރުވެރިކަމުގެ 50 އަހަރުގެ ދިގު ތާރީޚް އެންމެ ރަނގަޅަށް ރަމްޒުކޮށްދޭ ސްޓޭމް ކަލެކްޝަން ކަމަށް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ޓޫރިޒަމްގެ 50 އަހަރު ރަމްޒުކޮށްދޭ ހަ ސްޓޭމްޕެއް ޕޯސްޓު ލިމިޓެޑުން ވަނީ ނެރެފަ އެވެ. އެއީ ޓޫރިޒަމް ރާއްޖޭގައި ފެށުނު 1972 ވަނަ އަހަރު ރަމްޒު ކޮށްދޭ ސްޓޭމްޕަކާއި، 1986 ގައި ވޯޓާ ވިލާ ރާއްޖެއަށް ތަޢާރަފުވުން ރަމްޒުކޮށްދޭ ސްޓޭމްޕަކާއި، 1987 ވަނަ އަހަރު ހޮސްޕިޓަލިޓީ ޓްރެއިނިން އިންސްޓިޓިއުޓް އިފްތިތާހުކުރެވުން ރަމްޒުކޮށްދޭ ސްޓޭމްޕެއް ހިމެނެ އެވެ.

މީގެ އިތުރުން 1993 އަހަރު ސީޕްލޭން ހިދުމަތް ރާއްޖޭގައި ފެށުން ރަމްޒުކޮށްދޭ ސްޓޭމްޕެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. ދެން ތައާރަފުކޮށްފައި ވަނީ 2010 ވަނަ އަހަރު ގެސްޓް ހައުސް ވިޔަފާރި ރާއްޖެއަށް ތައާރަފުވުމާ ގުޅޭ ސްޓޭމްޕަކާއި، މި އަހަރު ޓޫރިޒަމްގެ ރަން އަހަރު ފާހަގަކުރުމާ ގުޅިގެން އެ ކަމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ސްޓޭމްޕެކެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ރަން އަހަރު ފާހަގަކުރުމަށް ކުރިއަށް ވެސް ގިނަ ހަރަކާތްތަކެއް ރާވާފައިވެ އެވެ. އެގޮތުން ޓޫރިޒަމްގެ ބާނީން ބައިވެރިވާ ހާއްސަ ޓޯކްޝޯއެއް މާދަމާ ހަވީރު އެމްއެންޔޫ އޮޑިޓޯރިއަމްގައި ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ.